ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށްވުރެ ގިނަ މީހުން އެބައްޔަށް ޕޮޒިޓިވްވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އެންމެ ފުރަތަމަ ފެންމަތިވި ޗައިނާގެ ވޫހާން ސިޓީގެ ބޯޑަރުތައް ހުޅުވަން ފަށައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ވޫހާން ސިޓީގެ ހުރިހާ ބޯޑަރެއް ބަންދުކޮށް އެ ސިޓީއަށް ވަދެ ނިކުމެ ނުއުޅެވޭނެހެން މުޅި ސަރަހައްދު ބަންދުކޮށްފައި އޮންނަތާ 2 މަހަށްވުރެ ގިނަ ދުވަސް ފަހުން ބޯޑަރު ހުޅުވަން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން މިއަދު ހުއްޓިފައިވަނީ ޗައިނާއަށެވެ.

ބަލި ފެތުރުން ކޮންޓްރޯލްވެފައިވާކަމަށް ޗައިނާއިން ވަކާލާތު ކުރަމުންދާ މި ދަނޑިވަޅުގައި ވޫހާންގެ ބޯޑަރު ހުޅުވާލި ނަމަވެސް، ހުރިހާ އެންމެންވެސް އަދިވެސް ފަރުވާތެރިވެ ސަމާލުވެ ތިބުމަށް ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ގެންދަވަނީ އިންޒާރު ކުރައްވަމުންނެވެ.

ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޕިޑޮމޮލޮޖިސްޓެއް ކަމަށްވާ ޝެންގް ގުއާންގް ވިދާޅުވީ، ޗައިނާއިންވެސް ބަލިމަޑުކަން އަދި މުޅިން ފިލާ ނުދާ ކަމަށެވެ.

ޗައިނާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުން މިހާރު މުޅިންހެންވެސް ފެންނަމުންދަނީ އިމްޕޯޓްވެފައިވާ ކޭސްތަކެވެ. ނުވަތަ ބޭރު ގައުމުތަކުން އެތެރެވާ މީހުންގެ ފަރާތުން ފެންނަ ކޭސްތަކެވެ. ކަންމިހެން އޮތް ނަމަވެސް، ބަލީގެ ނިޝާންތައް ނުފެނި، އެއްތަނުން އަނެއް ތަނަށް ވައިރަސް އުފުލާ 'އެސިމްޓޮމެޓީކް' މީހުން ޗައިނާއިން ފެންނަމުންދާ ދިއުމާއެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ދެވަނަ ރާޅެއްގެ އަސަރު ކުރުން އެކަށީގެންވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ އިންޒާރު ކުރަމުންނެވެ.

ޗައިނާގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ބަލިޖެހުނު މީހުންގެ އަދަދު 81802 އަށް އަރާފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 3333 އެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 77279 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، އެކްޓިވް ކޭސްގެ އަދަދަކީ 1190 އެވެ. މީގެ ތެރޭގައި، ކްރިޓިކަލް/ސީރިއަސް ހާލުގައި އޮތް 189 މީހަކު ހިމެނޭ ކަމަށް ރެކޯޑްތަކުން ދައްކައެވެ.