ކޮވިޑް-19 ގެ ހާލަތުގައި ސިވިލް ކޯޓުގެ ޝަރީއަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ހަމަޖައްސާފައިވާ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން އެ ކޯޓުން އިދާރީ އުސޫލުތަކަށް ބަދަލު ގެނެސް އާންމުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގައެވެ.

ކޮވިޑް-19ގެ ހާލަތުގައި ސިވިލް ކޯޓުގެ ޝަރީއަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ އުސޫލުތައް ނެރެފައިވާ އިރު އެ އުސޫލުތަކަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް އެ ކޯޓުން ބުނެއެވެ. އަދި ބުރާސްފަތި ދުވަހު މިއަދު ނެރުނު އުސޫލުތަކަށް އަމަލުކުރަން ފެށުމާއެކު މިދިޔަ މަހުގެ 16 ވަނަ ދުވަހު އެ ކޯޓުން އިދާރީ އުސޫލުތަކަށް ބަދަލު ގެނެސް އާންމުކޮށްފައިވާ އުސޫލުތަަކަށް ނިމުމެއް އަންނާނެ ކަމަށް އެ ކޯޓުން ބުނެއެވެ.

އެގޮތުން އެ ކޯޓުން ނެރުނު އުސޫލުތަކުގައި ބަޔާންކޮށްފައި ވަނީ، އެ ކޯޓަށް މައްސަލަަ ހުށަހަޅުމަށާއި އިސްތިއުނާފަށް އެދި ހުށަހަޅާނަމަ ހުށަހަޅާނީ އެ ކޯޓުގެ އީމެއިލް އެޑްރެސް [email protected] އަށް ކަމަށެވެ. މީގެ އިތުރުން ސިވިލް ކޯޓުގައި އެއްބަސްވުންތަކާއި ލިޔުންތައް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާނީ ވެސް މި އީމެއިލަށެވެ.

ސިވިލް ކޯޓުން ބުނީ ކޯޓަށް މައްސަލަ ހުށަހަޅާ ފަރާތްތަކުން ކޯޓުގައި ރަޖިސްޓްރީ ވާންވާނެ ކަމަށާއި ހުށަހަޅާ މައްސަލައާ ގުޅިގެން ކޯޓުން މުއާމަލާތް ކުރާނީ މައްސަލަ ހުށަހަޅާ ފޯމުގައި ބޭނުންކޮށްފައިވާ އީމެއިލް އާއި ފޯނު ނަންބަރަށް ކަމަށެވެ. އަދި މައްސަލަ ހިންގުމުގެ އަމުރު ފޮނުވާނީ ނުވަތަ އަންގާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދީފައިވާ ނަންބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އެ ކޯޓުން ބުނެއެވެ.

ހަމައެއާއެކު ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓާއި ލިޔުމަށް އެދުމަށް ހުށަހަޅާނީ އެ ކޯޓުގެ އީމެއިލް [email protected] އަށް ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އަދި ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ލިޔުން ދޫކުރާނީ އެ ލިޔުމަށް ދައްކަންޖެހޭ ކަމަށް ކޯޓުން އަންގާ ފައިސާ ދެއްކުމުންނެވެ. އެގޮތުން ކޯޓަށް ފައިސާ ދައްކާނީ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ކޯޓުން އެކިއެކި ފަރާތްތަކަށް ހަވާލު ކުރަންޖެހޭ އެންމެހައި ފައިސާ ހަވާލުކުރާނީ މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ ގޮތާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ބުނެއެވެ.

މީގެ އިތުރުން ރެކޯޑް ސާފުކޮށްދިނުމަށް އެދި ހުށަހަޅާނީ އެ ކޯޓުގެ އީމެއިލް [email protected] އަށް ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އަދި ސާފުކޮށްދޭ ރެކޯޑުގެ ލިޔުންތައް ކޯޓުން ފޮނުވާނީ އެ ފަރާތްތަކުން އެ ރެކޯޑެއް ސާފުކޮށް ދިނުމަށް އެދުނު އީމެއިލަށް ކަމަށްވެސް ބުނެއެވެ.

ކޯޓަށް ފޮނުވާ އާންމު އިދާރީ ލިޔުންތައް ފޮނުވާނީ ޖެމްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ [email protected] އީމެއިލަށް ކަމަށް ސިވިލް ކޮޓުން ބުނެއެވެ. އަދި ކޯޓުގެ ހިދުމަތްތަކާ ގުޅިގެން މުއާމަލާތްތައް ކުރާނީ ސިވިލް ކޯޓުގެ ޓްވިޓާ އެކައުންޓް @mvcivilcourt އާއި 7443369، 7443281 އަދި 9666650 މޯބައިލް ނަމްބަރަށް ކަމަށް އެ ކޯޓުން ބުނެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ސިވިލް ކޯޓު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތައް ހުޅުވިފައިވާ ދުވަސްތަކުގައި ސިވިލް ކޯޓު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.