ފަހުގެ ތާރީހެއްގައި ދުނިޔެއަށް ދިމާވި އެންމެ ނުރައްކާތެރި ސިއްހީ ކާރިސާ، ކޯވިޑް-19 އާ ހަނގުރާމަކުރުމަށް ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފިއެވެ.
އޭޝިއާގެ ދެވަނަ އަށް އެންމެ ބޮޑު އިގުތިސާދު، ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި މިވަނީ އެގައުމުގެ އާބާދީ ގިނަ ހިސާބުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވަމުން އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، މިވަގުތު ޖަޕާނުގެ ރައްޔިތުންނަށް ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އެމީހަކު ދިރިއުޅުމުގެ އާދަތައް ބަދަލުކުރުން ކަމަށެވެ. އަބޭ ވިދާޅުވީ، ޖަޕާނުގެ ރައްޔިތުން އެކަކު އަނެކަކާ ބައްދަލުކުރާ މިންވަރު މަދުވެގެން 70 ޕަސެންޓް ނުވަތަ 80 ޕަސެންޓަށް މަދުކޮށްފިނަމަ ކުރިއަށް ދެ ހަފްތާގެ ތެރޭގައި ބަލި ޖެހޭ މިންވަރު ދަށްވެގެންދާނެ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ އިތުރުން ޖަޕާނުގެ ސަރުކާރުން މިވަނީ ކޯވިޑް-19ގެ ސަބަބުން ޖަޕާނުގެ އިގުތިސާދަށް ކުރާނެ އަސަރު ކުޑަކުރުމަށް 990 ބިލިއަން އެމެރިކާ ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ވެސް ތަޢާރަފް ކޮށްފަޢެވެ. މިއީ، ޖަޕާނުގެ އިގުތިސާދީ އުފެއްދުންތެރިކަމުގެ 20 އިންސައްތައާ އެއް ހަމަ އަދަދެކެވެ.
ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކާ ހިލާފަށް ޖަޕާނުގައި މީގެ ކުރިން ކޯވިޑް-19 ޖެހުނު މީހުން އަދަދު ނިސްބަތުން މަދެވެ. އެހެން ނަމަވެސް މިވޭތުވެދިޔަ ހަފްތާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 1200 އަށް އިތުރުވެފައެވެ. މިއަދު އެކަނި ވެސް 80 މީހަކަށް މިބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ޖަޕާނުގައި މި ބަލި ޖެހުނު މީހުންގެ އަދަދު 4000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު 93 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.