ސަރުކާރު ބަންދު ނަމަވެސް "ފްރީ ޑިގްރީ"ގެ ފައިސާ ދޫކުރާނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން މި ދުވަސްވަރު ސަރުކާރު ބަންދު ކަމުގައި ވީނަމަވެސް، މަތީތައުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނާއި ސްކޮލަޝިޕާއި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި މަތީތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ ތާވަލްތަކުގައި ވާ ގޮތުގެ މަތީން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ.

އެ ގޮތުން ފާއިތުވި ހަފްތާގައި އެކަނިވެސް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ސަރުކާރު ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އެކަޑަމިކް އަހަރަކަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރާނީ، ދެ ބަޔަށް ބަހާލައިގެން އެދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކަމަށާއި އެކި ޔުނިވާރސިޓީ/ ކޮލެޖްތަކުން އެކި ކޯސްތައް އެކި ދުވަސްވަރު ފަށާތީ އެކި ދަރިވަރުންނަށް އެކަޑެމިކް އަހަރު ފެށި، އެ އަހަރު ނިމެނީ އެކި ދުވަސްވަރުކަމުން އެ ދަރިވަރެއްގެ އެކަޑެމިކް އަހަރު ކަމުގައި ބަލަނީ ކޯސް ފެށި ތާރީހުން ފެށިގެން 12 މަސްދުވަހަށް ކަމަށްވެސް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.

ހަޔާ އެޑިޔުކޭޝަނުން ބުނީ މިހާރު އަމަލުކުރަމުން ދާ އުސޫލުގައިވާ ގޮތުން، ފައިސާ ދެމުންދާނީ ދަރިވަރަށް ކަމަށާއި އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ ކޮލެޖް / ޔުނިވަރސިޓީ އަކަށް، އެތަނަކުން އަންގާ ގޮތެއްގެ މަތީން ފައިސާ ދައްކަމުން ގެންދިޔުމަކީ ދަރިވަރުގެ ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާ ފަރުވާތެރިކަމާއިއެކު އަދާކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެ ސްކީމްގެ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ލިބޭ ފައިސާގެ ތަފްސީލު ބެލޭނެ އިންތިޒާމެއް ގާއިމްކުރުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަން ފަށާފައިވާކަމަށާއި އެ މިނިސްޓްރީން މިއަހަރުގެ ކުރީކޮޅު ނެރެފައިވާ ނޫސްބަޔާނެއްގައި ވާނެ ކަމަށް ބުނެއެވެ.

އެގޮތުން އެ ސްކީމް މިދިޔަ އަހަރު ފެށުނު އިރު ކަރުދާސް (ހާޑް ކޮޕީ) އެޕްލިކޭޝަނެއް އެ މިނިސްޓްރީއަށް ހުށަހަޅުއްވައިގެން ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުން އޭގެ ފަހުން އެ ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާނަމަ، ލަސްނުކުރައްވާ myedu.egov.mv މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ކުރިން ބުނެފައިވާނެ ކަމަށާއި އެހެންނަމަވެސް އަދިވެސް ބައެއް ދަރިވަރުން ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާތީ އަވަހަށް އެކަން ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. ސަބަބަކީ ފައިސާ ދޫކުރުމަށް މަގުފަހިވާނީ އޭގެ ފަހުން ކަމަށް ވާތީއެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަަށާއި އެ ވައުދާ ގުޅިގެން ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދުނުމުގެ ސްކީމު މިދިޔަ އަހަރު ތައާރުފް ކުރިފަހުން މިހާތަނަށް މި ޕްރޮގްރާމްގައި 6000 އަށްވުރެން ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެޑިޔުކޭޝަނުން ބުނެއެވެ. އަދި ޖުމުލަ 96.8 މިލިއަނަށްވުރެން ގިނަ ރުފިޔާ ދިވެހި ސަރުކާރުން އެ ދަރިވަރުންނަށް ހަރަދުކޮށްފައި ވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.