މި ހަފުތާގައި ޓީވީ ޗެނަލްތައް މެދުވެރިކޮށް ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ކިންޑާގާޑަން (ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ، ޔޫކޭޖީ) ފެށިގެން ގްރޭޑް 8 އާ ހަމައަށް، އެކި ޗެނަލްތަކުން ފިލާވަޅުތައް ދައްކައި ކިޔަވައިދޭނެ ކަމަށެވެ. އެގޮތުން ކިންޑާގާޑަންގެ ދަރިވަރުންނަށް ކިޔަވައިދޭނީ ކުޅިވަރު ހިމެނޭ ހަރަކާތްތަކެއް ކަމަށާއި ނަމަވެސް އެ ފިލާވަޅުތައް ދައްކާނެ ޗެނަލެއް އަދި ނުނިންމާ ކަމަށް އިހްސާން ވިދާޅުވިއެވެ.

މި ހަފްތާގަްި ކިޔަވައިދޭން ފަށަން ހަމަ ޖެހިފައިވާއިރު، އިހްސާން ވިދާޅުވީ ކީ ސްޓޭޖް 1 އަދި 2 (ގްރޭޑު 1-6) ގެ ދަރިވަރުންގެ ފިލާވަޅުތައް ހާއްސަކުރާނީ ލިޓްރަސީ އާއި ނިއުމަރަސީ އަށް ކަމަށާއި ކޮންމެ ކީ ސްޓޭޖަކަށް، މުންނާރު ޗެނަލް އިން ހަވީރުު 4-6 އަށް ފިލާވަޅުތައް ދައްކާނެ ކަމަށެވެ.

ގްރޭޑު 7-8 ގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައްކަން ހަމަޖައްސާފައިވަނީ ދިވެހި ޗެނަލް އިންނެވެ. ނަމަވެސް އިހުސާން ވިދާޅުވި ގޮތުގައި، އެ ގްރޭޑުތަކުން ދައްކާނީ ވަކި ހާއްސަ މާއްދާތަކެވެ.

މިދިޔަ ހަފުތާގައި ގްރޭޑް 9-11 ގެ ދަރިވަރުންނަށް ޓެލެކިލާސް މެދުވެރިކޮށް ކިޔަވައިދޭން ވަނީ ފަށައިފައެވެ. ގްރޭޑު 9ގެ އާ ފިލާވަޅުތައް މުންނާރު ޗެނަލްއިން، ހެނދުނު 10-12 އަށް އަދި މެންދުރުފަހު 2-3 އަށް ދައްކާނެއެވެ. މި އަހަރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ އާ ފިލާވަޅުތައް ހެނދުނު 8-10 އިން ޔޭސް ޗެނަލް އިން ދައްކާނެއެވެ. އިހުސާން ވިދާޅުވީ މީގެ ކުރިން 10 ގެ ދަރިވަރުންނަށް ހާއްސަކުރި ޕެނަލް ޑިސްކަޝަންގައި ވެސް ގްރޭޑް 9ގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އޮންލައިން ކޮށާއި ޓީވީ ޗެނަލްތައް މަދުވެރިކޮށް ކިޔަވައިދިނުން ފަށާފައި ވަނީ، ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާ މުއްދަތު ދިގުލައިގެން ދާތީއެވެ. ސަރުކާރުން މިހާރު ވަނީ ކިޔަވައިދޭ ތަންތަން އަންނަ ހަފްތާވެސް ބަންދު ކުރުމަށް ނިންމާފައެވެ.