ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް ތަކަށް ދިއުމުގެ ބަދަލުގައި އިންޓަނެޓް ބޭންކިން އަދި އޭޓީއެމް ބޭނުންކުރުމަށް އެ ބޭންކުން އެދެފިއެވެ.

ކޮވިޑް-19އާ ގުޅޭގޮތުން ބީއެމްއެލް ހިދުމަތްދެމުންދާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަރުތައް ހުޅުވާނެ ކަމަށެވެ. ނަމަވެސް ކޮންމެހެން ބްރާންޗަށް ގޮސްގެން ހޯދަންޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހޯދުމަށް އިންޓަނެޓް ބޭންކިން އާއި އޭޓީއެމް ގެ ބޭނުންކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސައީދު ވިދާޅުވީ، އޭޓީއެމް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުން ބްރާންޗަށްދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ގިނަ ކަސްޓަމަރުން ބްރާންޗަށް ދިއުމުން ބްރާންޗުގެ ކިޔު ދިގުވެ، ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ވަގުތުވެސް ނަގާނެ ކަމަށް އޭނާ ބުނެއެވެ. އަދި ފަސޭހައިން ބޭންކިން ހިދުމަތް ހޯދޭނެ ގިނަ ވަސީލަތްތައް ބީއެމްއެލުން ގާއިމްކޮށްފައިވާ ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ، އިންޓަނެޓް ބޭންކިން އަދި ސެލްފްސާވިސް އޭޓީއެމް ބޭނުންކޮށްގެން ވަރަށް ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ހޯދޭނެ ކަމަށެވެ.

ބީއެމްއެލުން ބުނީ، މި ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބާޒާރު ބްރާންޗު ފިޔަވައި ބީއެމްއެލްގެ އެހެން ހުރިހާ ބްރާންޗުތަކާއި، ބިޒްނަސް ސެންޓަރުތަކާއި ލޯން ސެންޓަރު އަދި ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާނެ ކަމަށެވެ. އަދި މި ބްރާންވްތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 ފެށިގެން މެންދުރު 12:30 އަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކުން ވަނީ، ފައިސާ ނުވަތަ ޗެކު ޖަމާ ކުރަން ބޭނުންވާ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެން ޑިޕޮސިޓް އޭޓީއެމް ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އޭޓީއެމްތަކުން 24 ގަޑިއިރުގެ ހިދުމަތް ލިބޭއިރު ކަސްޓަމާ ބޭނުން ވަގުތަކު ހދުމަތް ހޯދުމުގެ ފުރުސަތުލިބޭ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނީ ފައިސާ އާއި ޗެކު ޖަމާކުރުމުގެ އިތުރުން އޭޓީއެމުން ފައިސާ ނަގައި، ފައިސާ ފޮނުވުމާއި، ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް އޭޓީއެމުން ލިބޭނެ ކަމަށެވެ.

އޭޓީއެމް އިން ފައިސާ ނެގޭ އަދަދުތައް:

  • ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކަށް 25،000 ރުފިޔާ
  • ޑޮލަރު އެކައުންޓްތަކުން ދުވާލަކަށް 1،600 ޑޮލަރު

އޭޓީއެމް އަށް ފައިސާ ޖަމާކުރެވޭ އަދަދުތައް:

  • އަމިއްލަ ފަރުދުންގެ އެކައުންޓަށް: ދުވާލަކަށް 50،000 ރުފިޔާ
  • ވިޔަފާރި އެކައުންޓަށް: ދުވާލަކަށް 200،000 ޑޮލަރު

އޭޓީއެމްގެ އިތުރުން ގޭގައި ތިއްބެގެން ބިލަށް ފައިސާ ދެއްކެމަށާއި، އެކި އެކައުންޓްތަކަށް ފައިސާ ފޮނުވުމަށާއި ކާާޑާއި ލުއިލޯނަށް އެދި ހުށަހެޅުމުގެ ހިދުމަތް އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށްލިބޭނެއެވެ. އަދި ހަމައެހެންމެ އޯޑަރުކުރާ އެކި ބާވަތުގެ ތަކެއްޗަށް ފައިސާ ދެއްކެވުމަށް މޮބައިލް ޕޭގެ ހިދުމަތްވެސް ބޭނުންކުރެވޭނެއެވެ.