ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިވަނީ ސްކޫލުތަކާ ކިޔަވާދޭ ތަންތަން އިތުރު ހަފްތާއަކަށް ބަންދުކޮށްފައެވެ. އިޖްތިމާޢީ ގައިދުރުވުމުގެ އާދަތަކުގައި ހިފާ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނިކުމެ އުޅުންވެސް މަދުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ސްކޫލުތައް ބަންދުވެ މުދައްރިސުންގެ އިރުޝާދުން ކުދިން ދުރުވެފައިވާ މިދަނޑިވަޅުގައި ބެލެވެރިންގެ އިތުރު ސަމާލުކަން ކުދިންނަށް ވަރަށް މުހިއްމެވެ. ގޭގައި ތިބެން މަޖްބޫރު ވެފައިވާ މި ހާލަތުގައި އޯޓިޒަމް އާ ހިތްވަރާއެކު ކުރިމަތިލަމުން އަންނަ ކުދިންގެ ކެތްތެރި ބެލެވެރިންނަށް މިވަނީ އިތުރު ކެތްތެރިކަން ދައްކަން ޖެހިފައެވެ.
ހިތްވަރު ދެރަ ނުކުރާށެވެ. މި އޮތީ އޯޓިޒަމް ހުންނަ ކުދިންނަށް ގޭގައި ތިބެގެން އެހީވުމުގައި ކަން ކުރަންވީ ގޮތާ ބެހޭ ގޮތުން ކެޔާ ތެރަޕީ އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ކްލިނިކަލް / ބިހޭވިއަރަލް ތެރަޕިސްޓް އައިޝަތު ޝަރާޢު އިބްރާހިމް ޝަރީފް ދެއްވާފައިވާ އިރުޝާދެވެ.
ރުޅިގަދަވުމާއި ބޮޑާހޭކުމާއި އެހެނިހެން މައްސަލަތައް
ކުއްޖަކު އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހާއްސަކޮށް އޯޓިސްޓިކް ކުއްޖަކު ތަރުބިއްޔަތު ކުރުމަކީ ބުރަ ކަމެކެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ ބެލެނިވެރިޔާ ދެގޮތެއް ނުވެ ހިފަހައްޓާލުމެވެ. ކުއްޖަކު ގޯސްކޮށް ކަންތައް ކުރާނަމަ ވަގުތު އެކަން ހުއްޓުވާށެވެ. އަދި އެކަން ހުއްޓުމުން ނޫނީ، ވަކި އެއްޗެއް ނުވަތަ ވަކި ކަމެއް ނުކުރެވޭނެ ކަމަށް ބުނާށެވެ. ކުއްޖާ ކިތަންމެ ވަރަކަށް ބޮޑާ ހާކާ ރޮއި ހެދިޔަސް ބެލެނިވެރިޔާ ބަހުގައި ހިފަހައްޓާށެވެ. ހަމަ އެގޮތަށް، ކުއްޖާ ރަނގަޅަށް ކަމެއް ކޮށްފިނަމަ އޭނާއަށް ހަދިޔާއެއް ދޭނެ ކަމެއް ބުނެ، އެހަދިޔާ ދޭން ވެސް ހަނދާކުރާށެވެ. ތަރުބިއްޔަތު ކުރާ އިރު އެކި ފަހަރު އެކި ގޮތަށް ކަންކަން ކުރުމުން ކުއްޖާއަށް ބެލެނިވެރިޔާގެ ޢަމަލު ދެނެގަންނަން ނޭނގޭނެއެވެ. އަދި ބަދަލުގައި ކުއްޖާއަށް އޭނާގެ އަމިއްލަ ޢަމަލުތައް ކޮންޓްރޯލް ކުރުމަށް އުނދަގޫ ވާނެއެވެ. މިއީ، އެއްދުވަހުން ދަސްވާނެ ކަމެއް ނޫނެވެ. ތަރުބިއްޔަތުގައި ވަކިގޮތެއްގައި ހިފެހެއްޓުމަކީ ތަކުރާރުކޮށް ފަރިތަކޮށްގެން ދަސްވާނެ ކަމެކެވެ.
ކަންކަމަށް ސަމާލުކަން ދިނުމާއި އެއްތަނެއްގައި އިށީންނަން އުނދަގޫވުން
ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫ ވާ ކުއްޖަކު ނުވަތަ އެއްތަނުގައި އިށީނދެ އިނުމަށް އުނދަގޫވާ ކުއްޖަކު ލައްވާ މަސައްކަތެއް ފުރިހަމަ ކުރެވޭނީ އޭނާއަށް ކުޑަ ކުޑަ ބްރޭކް ދީގެން ކަން ޤަބޫލުކުރަން ވާނެއެވެ. ކުއްޖާއަށް ބްރޭކް ދޭނީ އޭނާއަށް ކަމަކަށް ސަމާލުކަން ދެވޭ މިންވަރަށް ބަލާފައެވެ. ކޮންމެ ކަމަކަށް ފަސް މިނެޓްހާ އިރު ސަމާލުކަން ދެވޭ ކުއްޖަކަށް ފަސް މިނެޓް ފަހުން ބްރޭކެއް ދޭށެވެ. އެގަޑީގައި އެކުއްޖަކު ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ދޭށެވެ. ކުއްޖާ ބޮޑުވަމުން އަންނަމުންދާ ވަރަކަށް ކަންކަމަށް ސަމާލުކަންދޭ މިންވަރު މަޑުމަޑުން އިތުރުވާނެއެވެ.
ވާހަކަ ދެއްކުމާއި މީހުންނާ މުއާމަލާތް ކުރުމުގައި އުނދަގޫވުން
އޯޓިޒަމް ހުންނަ ގިނަ ކުދިންނަކީ އަނގަބަހުން ވާހަކަ ދެއްކުމަށް އުނދަގޫވާ ކުދިންނެވެ. ގިނަ ފަހަރަށް ކައިރީގައި ތިބޭ މީހުންނަށް އަޅާ ނުލާނެއެވެ. މީހުންނާ ވާހަކަ ދައްކާކަށް ނުޅޭނެއެވެ. އެހެންނަމަވެސް، އެފަދަ ކުދިންނާއި ގޭތެރޭގައި ވާހަކަ ދައްކާ ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކުދިންނަށް ވާހަކަ ކިޔާދޭށެވެ. މަންޒަރުތައް ދައްކާ ސުވާލުކޮށް ހަދާށެވެ. މަޑުމަޑުން ވާހަކަ ދައްކަން ދަސްކުރާނެއެވެ.
އޯޓިސްޓިކް ކުއްޖަކު ލައްވާ ވާހަކަ ދައްކަން ފަރިތަކުރުމަށް ބެލެނިވެރިޔާ އޭނާއަށް އެހީވުމަށްޓަކައި މިގޮތަށް ކަން ކުރާށެވެ. މިސާލަކަށް ކުއްޖާ ފެން ބޮވައިގަނެގެން ފެނަށް އަތް ދިއްކުރުމުން، އޭނާ ލައްވާ 'ފެން' އެބަސް ބުނުވާށެވެ. އަދި ކުއްޖާ އެބަސް ރަނގަޅަށް ބުންޏަސް ނުބައިކޮށް ބުންޏަސް ފެންތަށި ވަގުތުން ކުއްޖާއަށް ދޭށެވެ. މިތާނގައި މިހެން ހެދުމުގެ ބޭނުމަކީ ކުއްޖާ ބޭނުންވާ ކަމެއް އަނގަބަހުން ބުނެދިނުމުގެ މުހިއްމުކަން އޭނާއަށް ވިސްނައިދިނުމެވެ. ކޮންމެހެން އެންމެ ފުރަތަމަ ބަސްތައް ރަނގަޅަށް ބޭނުން ކުރާކަށް ނުޖެހޭނެއެވެ. ބެލެނިވެރިޔާއަށް މަޑުމަޑުން އެބަސްތައް ރަނގަޅު ކޮށްދެވޭނެއެވެ.
އާކަންކަން ދަސްކޮށްދިނުން
އޯޓިސްޓިކް ކުއްޖަކަށް އާ ކަމެއް ނަގައިގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން އާ ކަމެއް ދަސްކޮށްދިނުމުގައި އެކަމުގެ އިރުޝާދު ބައިބައިކޮށްލައިގެން ކިޔާދޭން ސަމާލުވާށެވެ. މިސާލަކަށް ސަމްސަލުން ބަތް ކާން ދަސްކޮށްދޭން ބޭނުން ނަމަ ފުރަތަމަ ބުނާނީ މޭޒުމަތީގައި އޮތް ސަމްސާ ނަގާށެވެ. ދެން ސަމްސަލުގައި ހިފާށެވެ. އެއަށް ފަހު ސަމްސާ ތަށްޓަށް ލާށެވެ. ސަމްސަލަށް ބަތްކޮޅެއް އަޅާށެވެ. އަދި ސަމްސާ ގަޔާ ކައިިރިކުރުމަށް ފަހު ކާށެވެ.
މި އިރުޝާދުތައް ވީހާވެސް ކުރުކޮށް ފަސޭހައިން ދޭހަވާ ގޮތަށް ކިޔާދޭށެވެ. މިގޮތަށް ކިޔާދީގެން ވެސް ކުއްޖާއަށް ނުވިސްނޭ ނަމަ ބެލެނިވެރިޔާ ޢަމަލުން އެކަން ދައްކާށެވެ. އަދި ކުއްޖާ ކުރަންވީ ކަންކަން މަންޒަރު ކާޑު ބޭނުންކޮށް ދައްކާށެވެ. ކުއްޖާއަށް ކުރެވޭ ކަންކަމަށް އޭނާއަށް ސްޓިކާ ނޫނީ ބެޖް ނުވަތަ އޭނާ ބޭނުންވާ އެހެން އެއްޗެއް ދީ ހަދާށެވެ. އޭރުން އާކަންކަން ދަސްކުރަން ކުއްޖާ އިތުރަށް ޝަޢުޤުވެރި ވާނެއެވެ.