ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އެމެރިކާއިން ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 1480 މަރު ރިޕޯޓްކޮށްފިއެވެ.

މިއަދުގެ ވަގުތާ ހިސާބަށްވެސް 306 މަރު ރިޕޯޓްކޮށްފައިވާއިރު އެމެރިކާއިން ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7402 އަށް އަރާފައެވެ. މިއީ މި ބަލީގައި 3 ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމުކަމަށްވާއިރު، އެމެރިކާއިން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަން ފާހަގަކުރަންޖެހެއެވެ.

ބަލިޖެހޭ މީހުންގެ އަލާމާތްތައް ސީރިއަސް

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 277467 އަށް އަރާފައިވާއިރު، މިއީ ދުނިޔޭގެ ރެކޯޑެކެވެ. އެމެރިކާއިން ބުނާ ގޮތުގައި އެގައުމުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދަނީ ޓެސްޓު ކުރާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. ސިއްހީ ތަޖިރިބާކާރުންވެސް ދަނީ، އެއްގައުމު އަނެއް ގައުމާ އަޅާ ކިއުމުގައި ތަފާސް ހިސާބުތައް ބޭނުން ނުކުރުމަށް އިރުޝާދު ދެމުންނެވެ.

ކަންމިހެން އޮތް ނަމަވެސް ކޮވިޑް-19އާ ދެކޮޅަށް އެމެރިކާގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ދަނީ ބިރުވެރި އިންޒާރުތަކެއް ދެމުންނެވެ.

އެމެރިކާގައި ކޮވިޑް-19 ނުރައްކާ އެންމެ ބޮޑުވެފައިވާ ނިއު ޔޯކް ސިޓީގެ އިންޓެންސިވް ކެއާ ޔުނިޓްގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ ކެލީ ބްރެޑްޝޯ ބުނާ ގޮތުގައި، ކޮވިޑް-19އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަން ގެންނަ މީހުންގެ ކިބައިން މިހާރު ފެންނަމުންދަނީ ސީރިއަސް އަލާމާތްތަކެކެވެ. ބަލި ހާލު އިންތިހާއަށް ބޮޑުވެސްމެއެވެ.

މިދިޔަ ހަފުތާއާ އަޅާ ބަލާއިރު މިހާރު އަންނަ ޕޭޝަންޓުންގެ ހާލު ސީރިއަސްކަން ފާހަގަކުރަމުން ބްރެޑްޝޯ ބުނީ، ބަލި މީހާ އަންނަނީ ހަށިގަނޑުގެ އެންމެ ގުނަވަނަކަށް ވައިރަސް ހަމަލާ ދީގެން ކަމަށާ، ނަމަވެސް އިސާހިތަކު އެހެން ގުނަވަންތަކަށްވެސް ހަމަލާ އަމާޒުވާން ފަށާ ކަމަށެވެ. އަދި ވައިރަހުގެ ބާރު އިންތިހާއަށް ގަދަވެފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބްރެޑްޝޯ ބުނީ ވައިރަސް މިހާރު ހަމަލާދެމުންދަނީ ޕޭޝަންޓްގެ ހިތާ ކިޑްނީއަށްކަންވެސް ފާހަގަކުރެވޭ ކަމަށެވެ.

ކަންމިހެން އޮތްއިރު، އެއީ ވައިރަހުގެ ތަފާތު ވައްތަރަކަށް ޕޮޒިޓިވްވާ މީހުން ކަމެއް ނުވަތަ، އެއީ ހޮސްޕިޓަލަށް ނުގޮސް ގޭގައި މަޑުކޮށްލައިގެން ލުޔެއް ލިބޭތޯ ބަލަން ގިނަ ބަޔަކު މަޑުކުރަމުން ދިއުމުގެ ނަތީޖާކަން ބުނަން އަދި ނޭނގޭ ކަމަށެވެ.

ސިއްހީ ހިދުމަތްތެރިން ދަނީ، ބަލީގެ ކިރިއާ އަލާމާތެއް ފެނުނަސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ގޮވާލަމުންނެވެ.