ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ލުއި ދީފައިވާ، ލޯން ދެންކުން ފަސްކޮށްދޭން އޮންލައިންކޮށްވެސް އެދެވޭނެ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ވަނީ ލޯންތައް ދެންކުން ފަސްކޮށްދީފައެވެ. ސަރުކާރުގެ އެ ނިންމުމާއެކު ބީއެމްއެލްއިން ވަނީ އެ ބޭންކުން ނަގާފައިވާ 55 ހާސް ލޯނު 6 މަސް ދުވަހަށް ފަސްކޮށްދީ، ލުއިތަކެއް ދީފައެވެ.

ބީއެމްއެލުން ބުނީ، މޮރޮޓޯރިއަމް ނުވަތަ ލޯން ފަސްކޮށްދޭން އޮންލައިންކޮށްވެސް ހުށަހެޅޭނެ ކަމަށެވެ. އޮންލައިންކޮށް ހުށަހެޅުމަށް ބީއެމްއެލް ވެބްސައިޓުގައި ވާ "މޮރޮޓޯރިއަމް" ބަޔަށް ދިއުމުން ކުރިއަށް ދާންޖެހޭ ގޮތުގެ އިރުޝާދު ފެންނަން ހުރެއެވެ.

އޮންލައިންކޮށް މޮރޮޓޯރިއަމަށް އެޕްލައި ކުރާ އިރު އޯޓީޕީ ޗެނަލްތައް ފެންނަން ނެތްނަމަ ބޭންކުގެ ކޮންޓެކްޓް ސެންޓާ ނަންބަރު 3330200 އަށް ގުޅުމަށް ބީއެމްއެލުން އެދެއެވެ. އެގޮތުން ބޭންކުގެ ރެކޯޑްތަކުގައި އެފަރާތެއްގެ ފޯން ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ހިމެނޭނަމަ އޯޓީޕީ ޗެނަލްތައް ފެންނަން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ރަހުނެއް ނުބަހައްޓާ ލޯނަކަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހެޅާ އިރު އެހެން އިތުރު ކަމެއް ކުރަން ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދޭނެ ކަމަށާއި، ލޯނު ފަސްކުރެވުނު ކަން، ކަސްޓަމަރަށް އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ހަަމައެއާއެކު ރަހުނު ހިމަނައިގެން އިތުރު ފަރާތްތަކާއެކު ނަގާފައިވާ ލޯނެއް ނަމަ، ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ ޝަރުތުތަކަށް އެއްބަސްވުމުން ހަތް ދުވަސް ތެރޭގައި ކަސްޓަމަރަށް ސޭންކްޝަން ސިޓީ އެއް ފޮނުވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އެ ސިޓީގައި ހުރިހާ ފަރާތަކުން (ލޯނު ނަގާ ފަރާތް، މޯގޭޖު ދޭ ފަރާތް އަދި ގެރެންޓާ) ސޮއި ކުރުމަށް ފަހު 10 ދުވަސްތެރޭ އަނބުރާ ބޭންކަށް ފޮނުވަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން އެ ސިޓީގައި ސޮއި ކުރުމަށް ފަހު ސްކޭންކޮށް [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ސޮއި ކުރެވިފައިވާ ސޭންކްޝަން ސިޓީ 10 ދުވަސް ތެރޭގައި ނުލިބިއްޖެ ހާލަތެއްގައި އެޕްލިކޭޝަން ބާތިލް ވާނެ ކަމަށާއި ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އަލުން އެދެން ބޭނުންނަމަ ބޭންކުގެ ކޮންޓެކްޓް ސެންޓަރަށް ގުޅުމަށްވެސް ބީއެމްއެލުން ބުނެއެވެ.

ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމަށް ފަހު ލޯނު އެކައުންޓްގެ ބެލެންސް އިންޓަނެޓް ބޭންކިން މެދުވެރިކޮށްވެސް ބަލާލެވޭނެ ކަމަށާއި ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދެވޭ މުއްދަތުގައި ކޮންމެ ދުވަހަކު އަރާ އިންޓަރެސްޓް ފެންނަން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ނަމަވެސް ފުރަތަމަ 6 މަސް ދުވަހު އަރާ އިންޓަރެސްޓް ރޭޓް އެ މުއްދަތުގައި ދައްކަން ނުޖެހޭނެ ކަމަށާއި އެ ފައިސާ ފަހުން ދައްކާ ބަޔަށް އިތުރުކުރާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.