މުއްދަތެއް ނެތް ގޮތަށް މައްކާއާއި މަދީނާގައި 24 ގަޑިއިރުގެ ކާފިއު އިއުލާންކޮށްފިއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، މައްކާއާއި މަދީނާގައި 24 ގަޑިއިރުގެ ކާފިއު އިއުލާންކޮށްފައިވާކަން ހާމަކުރީ ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިންނެވެ.
ސައުދީއިން އަޅާ ފިޔަވަޅުތައް ހަރުކަށި ކުރަމުންދަނީ އެ ގައުމުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.
ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެކަނިވެސް މައްކާއާއި މަދީނާއިންވަނީ ކޮވިޑް-19 ޖެހިގެން 133 ކޭހެއް ރިޕޯޓްކޮށްފައެވެ. މިއީ އެގައުމުގެ އެހެން ހުރިހާ ސިޓީތަކަކާ އަޅާ ބަލާއިރު އިންތިހާއަށް އިތުރު އަދަދެކެވެ.
ސައުދީއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު 1720 އަށް އަރާފައިވާއިރު 16 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި 264 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
މައްކާއާއި މަދީނާގައި 24 ގަޑިއިރުގެ ކާފިއު އިއުލާންކުރުމާއެކު، އަވަށްޓެރި ހިސާބުތަކުން ޒަރޫރީ އެއްޗެއް ގަތުމަށް، ނުވަތަ ކުއްލި ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނިކުތުން ވަނީ މަނާކުރެވިފައެވެ. އެއް ސިޓީއިން އަނެއް ސިޓީއަށް ވަދެނިކުމުންވެސް ވަނީ މަނާކޮށްފައެވެ. ބޭންކު، ފާމަސީ އަދި ސަޕްލައި މުދާ ވިއްކާ ފިހާރަ ފިޔަވާ އެހެން ހުރިހާ ފިހާރައެއްވެސް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
ކަންމިހެން އޮތްއިރު ސައުދީއިންވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ވަކި ގޮތަކަށް ހަމަޖެހެންދެން މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ކުރަމުންދާ ޕްލޭންތައް މަޑުޖައްސާލުމަށް އިސްލާމީ އުއްމަތަށް ގޮވާލާފައެވެ.