ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލަން ނިންމި އަމުރު ރިވިއު ކުރުމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ އަމުރު ރިވިއު ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ކިބައިން ފުލުހުން އެދުމުން، ރިވިއު އަޑުއެހުމެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި އަރުޝަދުގެ މައްޗަށް ދައުވާ ކުރަން ޕީޖީން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޝަރުތުތަކަކާއެކު އަރުޝަދު ދޫކޮށްލަން ކޯޓުން ނިންމާފައިވަނީ އިއްޔެއެވެ. އަރުޝަދު ދޫކޮށްލަން އިއްޔެ ކޯޓުން ނިންމި ނިންމުމާ ގުޅިގެން އޭނާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މައްސަލައިގައި ހިމެނޭ އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ނުވަ މީހަކު ހައްޔަރުކޮށް އެ ނުވަ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދާއި މުހައްމަދު ސިދުރަތު، ފިޔަވައި އެހެން މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.