ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދީފިއެވެ.

މިކަން ހަމަކޮށް ބީއެމްއެލުން ނޫސްބަޔާން ނެރެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެ ބޭންކް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްކޮށްދޭނެކަން މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހާމަކޮށްފައި ވަނިކޮށެވެ.

ބީއެމްއެލުން ބުނީ، މި ދަނޑިވަޅުގައި ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ލޯނަށް ދައްކަންޖެހޭ ފައިސާ މިވަނީ މިމަހުން ފެށިގެން 6 މަސް ދުވަހަށް ފަސްކޮށްދީފައި ކަމަށެވެ. އަދި ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައްވެސް މިވަނީ 6 މަސްދުވަސް އިތުރު ކޮށްފައި ކަމަށެވެ. އެހެންކަމުން ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުންމަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި މިގޮތަށް އަމަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނީ ބޭންކުގެ ފަރާތުން ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މިގޮތަށް އަމަލުކުރުމަށްޓަކައި ދަރިވަރުން މިކަމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާ އެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.