ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓޭލްކޯ އިން ބުނީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންދާ ބައެއް ހިދުމަތްތައް ދިނުން "ކޮވިޑް-19" އާ ގުޅިގެން ވަނީ މަޑުޖައްސާލަން ޖެހިފައި ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތީ ރޯދަ މަހަށް ވާތީއާއި، ސަރުކާރު ބަންދު ނަމަވެސް ރައްޔިތުންނަށް ބޭނުންވާ، އެ ކުންފުންޏާއި ގުޅުންހުރި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ މަގެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެގޮތުން ގްރޭޓާ މާލެ ސަރަހައްދަށް މިވަގުތަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ގޭގައި ތިބެގެން ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުއްވުމާއި ފައިސާ ދެއްކޭނެ ގޮތުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

އޭގެތެރެއިން، ސްޓެލްކޯ ސޭލްސް ސެންޓަރު މެދުވެރިކޮށް، ކޮންމެހެން ބޭނުންވާ ހިދުމަތްތަކުގެ ކަރަންޓާ ގުޅުން ހުރި މުދާ ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން އެ ހިދުމަތްތައް ބޭނުންވާ ފަރާތްތައް ސޭލްސް ސެންޓަރުގެ ފޯން ނަންބަރު 9110888 އާ ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި، ރައްޔިތުން މިވަގުތަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކަށް އެދި އެ ކުންފުނީގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި އަތޮޅު ތެރޭގައި އެ ކުންފުނިން ހިންގާ އިންޖީނުގެތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އިންޖީނުގެ އޮފީސް ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން މެންދުރު 1:00 އަށް ހުޅުވާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ، މިވަގުތަށް ކޮންމެހެން ބޭނުން ނުވާ ހިދުމަތްތައް ލަސްކޮށްލުމަށް އެދިފައެވެ. އަދި ބިލަށް ފައިސާ ދެއްކުމަށް ސްޓެލްކޯގެ ފޯން އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު ސްޓެލްކޯގެ ކަންކަމުގައި އެ ކުންފުނީގެ ކަސްޓަމަރުން ދޭ އެއްބާރުލުން ފާހަގަކޮށްހުރިހާ ކަސްޓަމަރުންނަށް ކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.