ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އާންމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޕެންޝަން ފަންޑުން ކޮންމެވެސް މިންވަރެއް ލިބޭނެގޮތް ހެދުމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގުތިސޯދަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވެފައިވާއިރު، އޭގެ ސަބަބުން މީހުންގެ ވަޒީފާ ގެއްލި އަދި ބައެއް މުވައްޒަފުންގެ އިނާޔަށް ކުޑަކުރަމުން ދާއިރު، އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޕެންޝަން ފަންޑުން ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގެ ޕެންޝަން ފަންޑުގައި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށާއި، އެފައިސާ ހައްގުވާ ފަރާތްތަކަށް ޕެންޝަން ފަންޑުން ކޮންމެވެސް މިންވަރެއް ލިބިގެން ދިއުމަކީ މިފަދަ ދަނޑިވަޅެއްގައި އާންމުންނަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. މީގެ އިތުރަށް އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ތަފާތު ޕެކޭޖުތައް ތައާރަފް ކޮށްފައިވާ ކަމަށާއި އޭގެއިން ރައްޔިތުންނަށް ސީދާ ގޮތުން ފައިދާވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ކޮވިޑް19އާ ގުޅިގެން ދިމާވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޓަކައި ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ޕެކޭޖް އާއި ޕްރޮގްރާމްތައް ތަންފީޒު ކުރުމުގައި މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާ ފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވާފައެވެ.

އެ މައްސަލައިގައި ބުނެފައިވަނީ، އިގްތިސާދީ އެހީގެ ޕްރޮގްރާމްގެ ދަށުން ވަޒީފާ ގެއްލޭ ފަރާތްތަކާއި ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދޭން އެ ޕްރޮގްރާމުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އުޖޫރަ ދޭން ޖެހޭނީ އިގްތިސާދަށް ފައިދާވާ މަސައްކަތެއް ކުރަން ޝަރުތުކޮށް، ކުރާ މަސައްކަތެއްގެ ސަބަބުން އިގްތިސާދުގެ އުފެއްދުން ތެރިކަން އިތުރު ކުރެވޭނެ ގޮތްތަކަށް ރާވައިގެން ކަމަށް ބަޔާން ކޮށްފައިވެއެވެ. މި ހާލަތުގައި ތަރައްގީ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި ވީ އެންމެ އަވަހަށް އެ ދާއިރާތަކުން މަސައްކަތްތައް ފަށަން ޖެހިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިހާރު ކުރެވިދާނެ މަސައްކަތްތަކުގެ ގޮތުގައި ދެ ކަމެއް ވަނީ ފާހަގަކޮށްފައެވެ.