މިދުވަސްވަރު މުވައްޒަފުންގެ ވަޒީފާއާ ގުޅުން ހުރި ކަންކަން ނިންމުމުގެ ކުރިން، އެކަންކަމާ ގުޅޭ ގޮތުން ލޭބާ ރިލޭޝަންސް އޮތޯރިޓީއާ މަޝްވަރާ ކުރުމަށް އެ އޮތޯރިޓީއިން އެދެފިއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންގެ ކަންކަން ބައެއް ފަރާތްތަކުން ނިންމާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މި ދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފައާ ގުޅުން ހުރި ކަންކަން ނިންމުމުގެ ކުރިން އެކަންކަމާ ގުޅޭ ގޮތުން އެ އޮތޯރިޓީ އާއެކު މަޝްވަރާ ކުރުމަށާއި، އަދި އެއްވެސް މުވައްްޒަފަކާ މެދު ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެ އޮތޯރިޓީ އިން ވަނީ ބުނެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން ބުނީ، ރާއްޖެއަށް ކުރިމަތި ވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި އިނާޔަތްތައް ނުދޭ ގޮތަށް ނޯޕޭ ލީވްގެ ގޮތުގައި މުވައްޒަފުން ފޮނުވުމާއި، ވަޒީފާއިން ވަކި ކުރުން ފަދަ ކަން ކަން ވަޒީފާދޭ ފަރާތްތަކުން މިދުވަސްކޮޅު ކުރަމުން ގެންދާތީ، މުވައްޒަފުންގެ ޝަކުވާތައް އެ އޮތޯރިޓީ އަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުން ދާ ކަމަށެވެ.

އަދި އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފިނަމަ އެކަން ލޭބާ ރިލޭޝަންސް އޮތޯރިޓީއާ ހިއްސާ ކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން މި މަހުން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފައި ވާނަމަ، އެފަރާތްތަކުން އެކަން ނިންމި ގޮތުގެ ތަފްސީލް، އެ އޮތޯރިޓީގެ ވެބްސައިޓް https://Ira.gov.mv/downloads ގައިވާ ޝީޓުގައި ފުރިހަމަ ކުރުމަށް ފަހު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެ އޮތޯރިޓީއަށް އީމެއިލް [email protected] ކުރުމަށް ވަނީ އެދިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މުވައްޒަފުންގެ ވަޒީފާއަށް ބަދަލެއް ގެންނަ ނަމަ އެގޮތުގެ މަތިން އަމަލު ކުރުމަށް އެ އޮތޯރިޓީ އިން ވަނީ އެދިފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދި ހާލަތާއި ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވާތީ، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ލޯނު ދޫކުރުމާއި، އެނޫންވެސް ގިނަ ގުނަ ލުއިތައް ވިޔަފާރި ކުރާ ފަރާތްތަކަށް ހަމަޖައްސައި ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިއިނާޔަތް ދިނުމުގައި މުވައްޒަފުން ވަޒީފައިން ވަކި ނުކޮށް، މުވައްޒަފުންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދޭނެކަމަށް ވަނީ ބުނެފައެވެ.