ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރޭ މިނިސްޓަރު ޝާހިދު ވަނީ، ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސް ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހައިކޮމިޝަންތަކާ، އެމްބަސީތަކާ، ޕާމަނަންޓް މިޝަންތައް އަދި ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ އަދި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ކޯލުގައި މިނިސްޓަރު ޝާހިދު ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ދަތުރު ނުކުރެވި، ތާށިވެފައި ތިބި ދިވެހިންނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިޝަންތަކުގެ ވެރިން އަރިހުން އެދިވަޑައިގަތެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ، އިއްޔެ ހުރިހާ ސަފީރުންނާ އެއްވަގުތެއްގައި ވީޑިއޯ ކޯލް މެދުވެރިކޮށް މިނިސްޓަރު ބައްދަލުކުރެއްވި ނަމަވެސް ކޮންމެ ދުވަހަކުވެސް ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާ ވާހަކަ ދައްކަވާ ކަމަށެވެ. އަދި ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މިޝަންތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، އެކަންކަން ހައްލުކުރުމަށް އެގައުމުތަކުގެ ހާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވައި، މިނިސްޓަރު ޝާހިދު މަޝްވަރާ ކުރައްވާ ކަމަށެވެ.