ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުތައް ހުއްޓުމަކަށް އައިސް ގައުމުތައް ލޮކްޑައުން ހާލަތުގައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްގުވާމީ ބާޒާރުގައި ސާފުނުކުރާ ތެލުގެ ސަޕްލައި އިތުރުވެ، ފާއިތުވީ 17 އަހަރުވެސް ނުދާ މިންވަރަކަށް، ސާފުނުކުރާ ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ.
އިނގިރޭސިވިލާތަށް ބަލާއިރު ތެލުގެ އަގުތައް ވަނީ ގާތްގަނޑަކަށް 7.6 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއީ 2002 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްފަހު، ތެލުގެ އަގު މިހާ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ބާޒާރަށް ބަލާއިރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 20 ޑޮލަރަށްވުރެވެސް ދަށަށް ގޮސްފައެވެ. ރާޝިޔާއަށް ބަލާއިރު ފީފާއެއްގެ އަގު ވަނީ 25 ޑޮލަރަށްވުރެވެސް ދަށަށް ގޮސްފައެވެ.
ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ސަޕްލައިކުރަމުންދާ ސައުދީ އަރަބިއްޔާއާއި ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް، ދެބައި މީހުންގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިނުވާއިރު ބައިނަލްއަގުވާމީ ބާޒާރުގައި އިތުރުވަމުންދާ ތެލުގެ ސަޕްލައި ރައްކާކުރާނެ ގޮތަކާ މެދުވެސް މިހާރު ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.