ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އިނގިރޭސިވިލާތުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 209 މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

މިއާއެކު މި ބަލީގައި އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 1228 އަށް އަރާފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 2433 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު އިނގިރޭސިވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 19522އަށް ވަނީ އަރާފައެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން އިނގިރޭސިވިލާތުގައި ތަންފީޒުކުރަމުންދާ އެންމެ ހަރުކަށިފިޔަވަޅުތައް އެގައުމުގައި މިހާރު ތަންފީޒު ކުރަމުންދާއިރު، ކޮންމެހެން ނިކުންނަން ޖެހިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ ޒަރޫރީ ހާލަތެއް މެދުވެރިވެގެން މެނުވީ ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ސަރުކާރުންވަނީ އަމުރު ނެރެފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ، ވަލީއަހުދު ޕްރިންސް ޗާލްސްވެސް ވަނީ ކޮވިޑް-19އަށް ޕޮޒީޓިވްވެފައެވެ.