ހއ.އަލިދޫ ރިސޯޓުން ވައްކަން ކުރި މައްސަލަ މިއަދު ޕީޖީއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، އަލިދޫ ރިސޯޓުން އެކި ފަހަރު މަތިން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު މިއަދު ދައުވާކޮށް ދިނުމަށް އެދި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވާފައިވާ ކަމަށެވެ.

އ. އަލިދޫ ރިސޯޓަށް އެކި ދުވަސްމަތިން އަރައި ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 24 ވަނަ ދުވަހެވެ.

އަލިދޫ ރިސޯޓުން ވައްކަން ކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ޖުމްލަ 4 ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 35 އަހަރާއި، 34 އަހަރާއި، 33 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، އެ 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބޭއްތިއްބުމަށް 10 ދުވަސް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅުން ހުރި އިތުރު ދެމީހަކު ހައްޔަރުކޮށް އެ ދެމީހުންގެ ބަންދުގެ މުއްދަތަށް ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ. ކޯޓު އަމުރެއްގެ ދަށުން ފަހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރުގެ ދެ ފިރިހެނުންނެވެ.

އެހެންކަމުން މިހާތަނަށް މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޖުމްލަ 6 ފިރިހެނުންނެވެ.