ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސް ކުރި ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި ކޮމްޕައުންޑްކޮށް އިންޓަރެސްޓް ނުނަގާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ނަގާފައިވާ ހުރިހާ ލޯނުތަކެއް އަނބުރާ ދެއްކުން ހަމަސް ދުވަހަށް ފަސްކުރިކަން އިއުލާން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެކަމާ ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި އިގްތިސާދަށް ބޭންކުން ވެވޭ އެހީތެރިކަމަކީ މިހާރުގެ ހާލަތާއި އެކަށޭނަ އަދި ބޭންކުން އަމަލު ކުރަންޖެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ފޯރުކޮށްދެވޭ އެހީތެރިކަމަކަށް ހެދުމަށްޓަކައި އެދުވަހުން ފެށިގެން ބޭންކުން އަންނަނީ ބައިނަލްއަގްވާމީ އެކައުންޓެންސީ އިދާރާތަކާއި، ސަރުކާރާއި ރެގިއުލޭޓަރީ އިދާރާތަކާއި އެއްކޮށް މަޝްވަރާކޮށް ނުހަނު ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ.
ބޭންކުން ކުރިން ހާމަކޮށްފައިވާ ގޮތުން ހަމަސް ދުވަހުގެ ލޯނުގެ އިންޓަރެސްޓަށް ވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކަންޖެހޭނެއެވެ. ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި ކޮމްޕައުންޑްކޮށް އިންޓަރެސްޓް ނުނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އިންޓަރެސްޓުގެ މައްޗަށް އެ ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އަދި އޭގެ އިތުރުން ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ޝަރުތުތަކަށްވެސް ވަނީ އިތުރު ލުއިކަމެއް ގެނެވިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން މިހާރު ލޯނަށް ގަވާއިދުން ދައްކަންޖެހޭ ފައިސާ ނުދައްކާ އެއްމަސް ދުވަހުގެ އިންސްޓޯލްމަންޓް އޮންނަ ކަސްޓަމަރުންނަށްވެސް ވަނީ ޝަރުތު ހަމަވާ ގޮތަށް ކަނޑައެޅިފައެވެ. އެއް މަހަށް ވުރެން ގިނަ ދުވަހަށް ފައިސާ ދައްކާފައި ނުވާ ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކަސްޓަމަރުންނަށް އެދެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާއި ގުޅޭ މައުލޫމަތު ފޯރުކޮށްދީ ލޯނަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު އޮންލައިންކޮށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެހިގެން ދާނެއެވެ.
ބީއެމްއެލްއިން މިފަދައިން ބުނެފައި ވާއިރު މިއަދު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ބީއެމްއެލްއިން އިންޓްރެސްޓުގެ މައްޗަށް އިންޓްރެސްޓު ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ވެސް އެ ބޭންކުން ކަސްޓަމަރުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލް އިސްލަމިކް ކަސްޓަމަރުން ނަގާފައިވާ ފާސަނަލް، ހައުސިން، އަދި ބިޒްނަސް ފައިނޭންސްސިން ތެރެއިން މުރާބަހާ ފައިނޭނެސިން ފިޔަވައި ހުރިހާ ފައިނޭންސިން އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ. މުރާބަހާ ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އެކަމާ ގުޅޭ ގޮތުން މައުލޫމާތުދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.