އެކި ހިސާބުތަކުގައި ތާށިވެފައިވާ މީހުން އަމިއްލަ ވަޒަނަށް ގެންގޮސްދިނުމަށް ކޮންމެހެން އޮޕަރޭޓްކުރަންޖެހޭ ހުރިހާ ފްލައިޓެއް އޮޕަރޭޓްކުރަމުންދާނެ ކަމަށާ، ނަމަވެސް އަވަސް ފުރުސަތެއްގައި ފައިސާ ހުސްވެދާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމުގެ އިންޒާރު، ދުނިޔޭގެ އެންމެ ވަރުގަދަ އެއާލައިންތަކުގެ ތެރޭގައި ގުނާލެވޭ ގަތަރު އެއާވޭޒްގެ ޗީފް އެގްޒެކެޓިވް އޮފިސާ، އަކުބަރު އަލް-ބާގިރު ދެއްވައިފިއެވެ.

މިއަދު ރޮއިޓާޒްއަށް ދެއްވި ބަސްދީގަތުމެއްގައި އަލް-ބާގިރު ވިދާޅުވީ، މިވަގުތު އެއާލައިންގައި ފައިސާ ހުރީ ވަރަށް ކުރު މުއްދަތަކަށް ވާ މިންވަރަށް ކަމަށެވެ. އަދި މާ ގިނަ ދުވަހެއް ނުވަ ބެލެނިވެރި ފަރާތް ކަމަށްވާ، ގަތަރުގެ ސަރުކާރުން މާލީ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށްވެސް އޭނާވަނީ އިޝާރާތްކުރައްވާފައެވެ.

ގަތަރު އެއާވޭޒްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށް، ވައިގެ އުދުހުންތަކަށް ޑިމާންޑް ދަށްވުމުގެ ސަބަބުން އޮޕަރޭޝަންތައް މެދުކަނޑާނުލާ ކުރިއަށް ގެންދާ މަދު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިންއެކެވެ.