ރޭ މަގުމައްޗަށް ވެއްޓިފައި އޮތީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއް ނޫނެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ރޭ ކޯރުކެނޑިމަގުގައި ހުރި ގެއެއްގެ ދޮރުމައްޗަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

ފުލުހުން ބުނީ، އެ ސަރަހައްދަށް ގޮސް ބެލި އިރު، ވެއްޓިގައިފައި އޮތީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާގެ ފޯނަށް މީހަކު ގުޅާތީ، ފޯނު ނަގާ މައުލޫމާތު ސާފު ކުރުމުން، މިއީ ޖިންނީގެ މައްސަލަ ހުންނަ މީހަކު ކަން އެނގިފައިވާ ކަމަށެވެ. ފުލުހުން ބުނީ، އޭނާ ވެއްޓިފައި ވަނީ ޖިންނީގެ މައްސަލަ ހުންނާތީ އޭނާ މި ދުވަސްވަރު ރުގްޔާ ކުރާތީ އެ މައްސަލަ ބޮޑު ވެގެން ކަމަށެވެ.

ފުލުހުން ބުނީ، މި އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޭނާ، އޭނާގެ ގޭގެ 9 ވަނަ ފަންގިފިލާއަށް އަރުވާ ދީފައިވާ ކަމަށެވެ.

ރޭ މަގުމައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ކަމަށްބުނެ، އޭނާގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ.