އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އެގައުމުގައި ދިރިއުޅޭ ދިވެހި ޑޮކްޓަރެއްގެ އަންހެނުންނެވެ. އެކަމާ ގުޅިގެން އެ ޑޮކްޓަރު އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އޭނާ މަސައްކަތް ކުރަމުންދަނީ ގޭގައި ކަމަށާއި، އަދި މިވަގުތު ދިރިއުޅެމުން ދަނީ ގޭގައި އެކަހެރި ވެގެން ކަމަށެވެ. ސަބަބަކީ އޭނާގެ އަންހެނުންގެ ފަރާތުން ރޯގާގެ އަލާމާތްތަކެއް ފެނުމުން ކަމަށެވެ. އަދި އޭނާގެ އަންހެނުންވަނީ ކޮވިޑް19 އަށް ޓެސްޓު ކުރެވިފައި ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އެ ފޭސްބުކް ޕޯސްޓުގައި ބުނެފައި ވެއެވެ. ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.

އަދި އަންހެނުން ކޮވިޑް19 އަށް ޕޮޒިޓިވްވި ކަން އިނގުނު ހިސާބުން އެ ޑޮކްޓަރު މީހައާއި އޭނާގެ އަންހެނުންވެސް ގޭގައި އެކަހެރިވެގެން ދިރިއުޅެމުންދާ ކަމަށް ބުނެފައި ވެއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ގޭގައި ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ވިދާޅުވީ މިދިއަ ދެ ހަފުތާގައި އޭނާ އުޅުއްވީ ކޮވިޑް19 ގެ ބަލިމީހުންނަށް ފަރުވާ ކުރެއްވުމުގައި ކަމަށެވެ. އަދި ކޮވިޑްގެ އަލާމާތްތަކެއް އޭނާގެވެސް ހުރި ކަމަށް ވެއެވެ. އެކަމަކު ޓެސްޓް ހެދިކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ވަގުތު ބަހައިގެން، ގޭގައި ކިޔަވައި ދެއްވަމުން އަންނަ ކަމަށެވެ. އެކަމަކު ދަރިފުޅަށް ވެސް މިދިޔަ ދެތިން ދުވަހު ވައިރަހަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަހުން ދިވެއްސަކު ރާއްޖޭގައި ވަނީ ޕޮޒިޓިވް ވެފައެވެ. އެކަމަކު ރާއްޖެ އައުމާ އެކު އޭނާ ހުރީ ކަރަންޓީންގައެވެ. ޔޫއޭއީގައި ވެސް ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްކަމަށް މީޑިއާގައި ހަބަރު ފެތުރުނެވެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ރަސްމީކޮށް ލިބިފައެއް ނުވެއެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 16 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 1 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 9 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.