ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް މެލޭޝިއާގައި އިއުލާން ކޮށްފައިވާ މޫވްމަންޓް ކޮންޓްރޯލް އޯޑާ (އެމްއޯސީ)ގެ އަމުރު ދެމިއޮތްހާ ހިނދަކު އިންޓަނެޓް ޑޭޓާ ހިލޭ ދިނުމަށް ނިންމައިފިއެވެ.
މެލޭޝިއާގައި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާ ސަރުކާރު ގުޅިގެން އިންޓެންޓް ޑޭޓާ ހިލޭ ކުރަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެމްއޯސީގެ އަމުރުގެ މުހުލަތުގެ ނިޔަލަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ މި މަޝްރޫއަށް ހާއްސަކޮށް، އިގުތިސޯދީ ރޫހު ދިރުވުމުގެ ޕެކޭޖުގެ ދަށުން 600 މިލިއަން މެލޭޝިއަން ރިންގިޓްގެ ބަޖެޓެއް ކަނޑައަޅުއްވާފައިވާކަމަށެވެ.
މި ޕެކޭޖުގެ ދަށުން، މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ހުރިހާ ކަސްޓަމަރުންނަށްވެސް އިންޓަނެޓް ޑޭޓާ ހިލޭ ލިބޭނެކަން ބޮޑުވަޒީރު ވަނީ އިއުލާންކުރައްވާފައެވެ.
އިންޓަނެޓް ޑޭޓާ ހިލޭ ކުރުމަށް ކަނޑައެޅި ޕެކޭޖުގެ އިތުރުން، ނެޓްވާކް ކަވަރޭޖު ރަނގަޅުކޮށް، މިހާރަށްވުރެ ކެޕޭސިޓީ އިތުރުކުރުމަށް 400 މިލިއަން ރިންގިޓްގެ ބަޖެޓެއް ކަނޑައަޅާފައިވާކަންވެސް ބޮޑުވަޒީރު ވަނީ އިއުލާންކުރައްވާފައެވެ.
ހަމަ މިއާއެކު މަހެއްގެ ކަރަންޓް ބިލުން 15-50 ޕަސެންޓްއާ ދެމެދު މިންވަރަކަށް ޑިސްކައުންޓް ދިނުމަށް 530 މިލިއަން ރިންގިޓްގެ ބަޖެޓެއްވެސް މެލޭޝިއާ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.
ފާއިތުވީ 24 ގަޑިއެއްހާއިރު ތެރޭގައި މެލޭޝިއާއިން ޕޮޒިޓިވް 130 މީހުންނާއެކު މެލޭޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2161 އަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި 3 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 26 އަށް އަރާފައެވެ.
މެލޭޝިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިހާރުވެސް މޫވްމަންޓް ކޮންޓްރޯލް އަމުރު ތަންފީޒުކުރަމުންދާއިރު، އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިއަމުރުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.