ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އިއްޔެ އެގައުމުން 75 މީހަކު ޕޮޒިޓިވްވެފައިވާކަމަށް، އަވަށްޓެރި އިންޑިއާއިން ރިޕޯޓްކޮށްފިއެވެ.

އިއްޔެ އެކަނިވެސް 75 ކޭސްއެއް ޕޮޒިޓިވްވެފައިވާކަން އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 733އަށް އަރާފައެވެ. މީގެ ތެރެއިން 66 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ކޮވިޑަ-19ގެ ޝިކާރައަކަށްވެ، ފުރާނަ ގެއްލުނު މީހުންގެ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާއިންވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުގެ އިދާރާއިން އާންމުކޮށްފައިވާ ބަޔާނެއް ބުނާ ގޮތުގައި، ބޭރު ގައުމުތަކުން އިންޑިއާއަށް ކުރާ ކޮމާޝަލް ފްލައިޓް ދަތުރުތައް ހުއްޓާލާފައިވާ މުއްދަތު މިހާރު ވަނީ އޭޕްރިލް 14 ގެ ނިޔަލަށް އިތުރުކޮށްފައެވެ. މީގެ އިތުރުން މިހަފުތާގެ ކުރީކޮޅުން ފެށިގެން އިންޑިއާއިން ދަނީ 21 ދުވަހުގެ ފުރިހަމަ ލޮކްޑައުން ހާލަތުގެ އަމުރެއްވެސް ތަންފީޒުކުރަމުންނެވެ.