ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ، 10000 އެއްހާ ގައިދީން މިނިވަން ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަމުރުކޮށްފައިވާކަމަށް އަފްގާނިސްތާނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ޖަލު ބަންދުން ދޫކޮށްލާ ގައިދީންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާ، 18 އަހަރުން ދަށުގެ ކުދިންނާ ބަލި މީހުންނެވެ.
އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވަނީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް މަންޒިލް ކަމަށްވާ އީރާނަށް ދަތުރުކުރުމަށްފަހު އަފްގާނިސްތާނަށް އެނބުރި އަންނަ މީހުންގެ އަދަދު އިތުރުވަމުންދިއުމާ، އަފްގާނިސްތާނުގެ އާބާދީގައި ބަލިފެތުރެމުންދާ މިންވަރު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަފްގާނިސްތާނުގެ ބަންޑާރަ ނައިބު ފަރީދު ހަމީދީ ވިދާޅުވީ، ރައީޝް އަޝްރަފު ގަނީގެ ގަރާރަކުން މިނިވަން ކުރަން އަމުރުކުރައްވާފައިވާ ގައިދީންގެ ތެރޭގައި، އުމުރުން 55 އަހަރުން މަތީގެ ގައިދީންވެސް ހިމެނޭ ކަމަށެވެ.
ހަމީދީ ވިދާޅުވީ މި ނިންމެވުމަކީ އިންސާނުންގެ ފުރާނައާ ސިއްހަތު ސަލާމަތް ކުރުމާ ގުޅިފައިވާ ނިންމެވުމެއް ކަމަށާ، ގައުމީ އަދި ބައިނަލްއަގުވަމީ ސަލާމަތަށް ނުރައްކާ ކުރިމަތިވާފަދަ ޖަރީމާތައް ހިންގާފައިވާ ގައިދީން މިނިވަން ކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ.
އަފްގާނިސްތާނުގެ ޕްރިޒަންސް ޗީފް އަހުމަދު ރާޝިދު ތޮތާޚައިލު ވިދާޅުވީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި 9000-10000 އާ ދެމެދު އަދަދެއްގެ ގައިދީން ޖަލު ބަންދުން ދޫކުރެވިގެންދާނެ ކަމަށެވެ.
ސޫދާންއާއި އިތިއޮޕިއާއިންވެސް މިފަދަ ނިންމުންތަކެއް ނިންމާ، ގައިދީން މިނިވަންކޮށްފައިވާއިރު އިންސާނީ ހައްގުތަކާ ބެހޭ އދގެ އިސްވެރިޔާ މިޝޭލް ބެޝެލެޓްވެސް ވަނީ ކޮވިޑް-19ގެ ބިރުވެރިކަމުގެ ތެރޭގައި، ގައިދީންގެ މަތިން ހަނދާން ނެތިކޮށް ނުލުމަށް ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.