ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމަކީ އެމެރިކާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފެންނަން ފެށި ކޮރޯނާވައިރަސް ޑިޒީޒްއަށް އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ރޭގެ ނިޔަލަށް މިވަނީ 85500 އަށްވުރެ މައްޗަށް އަރާފައެވެ. މިއީ ބަލީގެ ފެށުން ކަމަށްވާއިރު ޗައިނާއަށްވުރެވެސް އިތުރު އަދަދެކެވެ. ޗައިނާއިން މިހާތަނަށް ކޮވިޑަ-19އަށް ޕޮޒިޓިވްވެފައިވަނީ 81340 މީހުންނެވެ.

ކަންމިހެން އޮތް ނަމަވެސް މި ބަލީގައި މީހުން މަރުވި ނިސްބަތަށް ބަލާއިރު އެމެރިކާއަށްވުރެ ކުރީގައި އެހެން ގައުމުތަކެއް އެބައޮތެވެ. މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން 8215 މީހުން މަރުވިއިރު، ދެން އެންމެ ގިނަ މީހުން މަރުވިކަމަށް ރިޕޯޓްކުރީ ސްޕެއިންއިންނެވެ. މި ބަލީގައި ސްޕެއިން 4365 މީހުން މަރުވި ކަމަށް މައުލޫމާތު ލިބެއެވެ. 3 ވަނައަށް އެންމެ ގިނަ މީހުން މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދަކީ 3292އެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާގައި ސިއްހީ ފަރުވާދޭ ހޮސްޕިޓަލެއް ސާފުކުރުމުގެ މަސައްކަތުގައި ތަޖުރިބާކާރަކު ހަރަކާތްތެރިވަނީ/ފިޓޯ: އޭޛޭ

ވައިޓް ހައުސްއިން ބުނީ ކީކޭ؟

ވައިޓް ހައުސްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދެންނެވުނު ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ، މިކަން ގުޅެނީ އެމެރިކާއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޓެސްޓުތަކުގެ އަދަދާ ކަމަށެވެ.

ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ، އެމެރިކާގެ 50 ސްޓޭޓްގައި މިހާރު ކޮވިޑަ-19އަށް ޓެސްޓު ކުރެވޭނެ ކަމަށާ މިހާތަނަށް 552000އަށްވުރެ ގިނަ ސާމްޕަލް ޓެސްޓުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕްވަނީ ޗައިނާއިން ފޯރުކޮށްދެމުންދާ ތަފާސް ހިސާބުތަކާ މެދު ސުވާލުވެސް އުފައްދަވާފައެވެ. ކޮވިޑް-19އާ ގުޅިގެން ޗައިނާއިން މައުލޫމާތު ފޯރުވާކަމަށް އެމެރިކާއިން ކެނޑިނޭޅި ތުހުމަތުކުރެއެވެ. އަދި ބަލީގެ ފުރަތަމަ ދުވަސްކޮޅު ޗައިނާއިން ހަގީގަތް ނުފޮރުވިނަމަ، ދުނިޔެ އަދު މިދެކޭ ހާލު ދެކެން ނުޖެހުނީސްކަމަށްވެސް އެމެރިކާއިން ދަނީ ބުނަމުންނެވެ.

ފިޔަވަޅުތަކަށް ޓްރަމްޕް އަދިވެސް ދޫދެއްވާނެބާ؟

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑަ-19އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ގައުމަކަށް އެމެރިކާ ވެފައިވާ މިދަނޑިވަޅަކީ މި ބަލިމަޑުކަމާ ގުޅިގެން އެމެރިކާއިން އަޅަމުންދިޔަ ބައެއް ފިޔަވަޅުތަކަށް ދޫ ދެއްވާނެ ކަމުގެ އިޝާރާތްތަކެއް ޓްރަމްޕް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާއަށް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުމާއެކު، މި ކަމާ ގުޅިގެން 3.3 މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ކޮވިޑް-19ގެ ސަބަބުން ހަށިގަނޑު ނިވާކޮށްގެން ތިބި ދެމަފިރިއަކު އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ހުރަސްކުރަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ކަންމިހެން އޮތްއިރު ޓްރަމްޕްގެ ވިސްނުންފުޅު އަދިވެސް ހުރީ ގައުމު ހިންގައިގަތުމަށެވެ. އިގުތިސޯދީ ނަވުގެ ދަތުރައިގެން ކުރިއަށް ވަޑައިގަތުމަށެވެ. އެކަން ކުރިއަށް ގެންދާނީ އިޖުތިމާއީ ގައިދުރުކަމާ، އަތްދޮވުމާ ބަލިން ދިފާއުވާން ދައްކާ އެފަދަ އެތައް ފިޔަވަޅުތަކަކާއެކުގައި ކަމަށް ޓްރަމްޕް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވެފައެވެ.