ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އިން ރައްކާތެރިވުުމުގެ ގޮތުން ކުރެވިދާނެ ގިނަ ކަންތައްތަކެއް އެމްޑަބްލިއުއެސްސީން އާއްމުކޮށްފައިވާ "އަތްދޮވެލާ" މި ލަވައިން ބުނެދީފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުވެސް ފެނިގެން މި ލަވައިން ބުނެ ދެނީ މި ދަނޑިވަޅުގައި އަމަލުތައް ބަހައްޓަންވީ ގޮތެވެ. އެގޮތުން ކިނބިހި އަޅާއިރު ދެ އަތްތިލައިން މޫނު ނިވާ ކުރުމުގެ ބަދަލުގައި "ޑެބް" ކޮށްގެން ކިނބިހި އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

އެ ލަވައިގައި ބުނެފައިވަނީ އަތްތިލައިގެ ހުރިހާ ދިމާލެއް މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިން އުނގުޅަން ވާނެ ކަމަށެވެ. އަތް ދޮންނަން ސައިބޯނި ނެތް ނަމަ 60 ޕަސެންޓު ހިމެނޭ ސެނިޓައިޒާ ބޭނުން ކުރެވިދާނެ ކަމަށާއި ނޭފަތް ފޮޅުމަށްފަހުއާ ފާހާނާ ބޭނުން ކުރުމަށްފަހު އަބަދުވެސް އަތް ދޮވުމަށް އެ ލަވައިގައި ވަނީ އިލްތިމާސްކޮށްފައެވެ.

މި ލަވަައިގައި ބުނެފައި ވަނީ އަތް ނުދޮވެ މޫނުގައި އަތް ނުހޭކުމަށާއި ސައިބޯނި އަތުގައި އުނގުޅާ ވަގުތު ފެން އިސްކުރު ބަންދު ކުރުމަށް އެ ލަވައިގައި ވަނީ އިލްތިމާސް ކުރާ ކަމަށެވެ. އަދ މި ދަނޑިވަޅުގައި ސަލާން ކުރުން މަޑުޖައްސާލާ، އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަމެއް ކަމާބެހޭ އިދާރާތަކަށް އަންގާލަ ދިނުމަށް ވަނީ އަންގާފައެވެ.

ބައްޔާއި ބެހޭ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުގެ ވެބްސައިޓުތަކުން ހޯދުމާއި ފޭކް ނިއުސްތައް ނުބެލުމަށް އިލްތިމާސްކޮށްފައި މި ލަވައިގައި ހާސް ނުވުމާއި ބިރު ނުގަތުމަށާއި އެއްކޮށް ގުޅިގެން ކަންކުރުމަށް ވަނީ ގޮވާލައިފައެވެ.

މިއީ ފެނުގެ ދުވަހާ ގުޅިގެން އެމްޑަބްލިއުއެސްސީން ނެރެފައިވާ ހާއްސަ ވީޑިއޯއެކެވެ.