ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު ކުރިމަތިވަމުންދާ މާލީ ހީނަރުކަމަކީ، 2008-2009 ވަނަ އަހަރު ދުނިޔެ ދުށް މާލީ ހީނަރުކަމަށްވުރެ ބޮޑު ހީނަރުކަމަކަށް ވެދާނެ ކަމަށާ، ނަމަވެސް 2021 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް ހެޔޮފާލަކަށް އެޅިދާނެކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އިން ބުނެފިއެވެ.

އައިއެމްއެފްގެ މެނޭޖިންގް ޑައިރެކްޓާ ކްރިސްޓަލީނާ ޖޯޖީވާ ވަނީ، ސިއްހީ ނިޒާމު ހެޔޮފާލަކަށް އެޅުވުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ، ކުންފުނިތަކާ މަސައްކަތްތެރިން ހިމާޔަތް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ، މަރުކަޒީ ބޭނުންތަކުން ގެންގުޅޭ މާލީ ސިޔާސަތުތައް ދޫދީފައި އޮތް އޮތުން ފާހަގަކުރައްވާ، އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. މިމޭރުމުން އަދިވެސް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ 20 އިގުތިސޯދު (ޖީ20)ގެ މާލީ ވަޒީރުންނާ މަރުކަޒީ ބޭންކުތަކާއެކު ކުރިއަށް ގެންދެވި ކޮންފަރެންސް ކޯލަކަށްފަހު ޖޯޖީވާ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިންސާނީ ގެއްލުން ގުނާ އަދަދު ނުކުރެވޭނެ ކަމަށާ، ގައުމުތަކުގެ ރައްޔިތުން ހިމާޔަތް ކުރުމަށާ، އިގުތިސޯދީ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ގައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މިހިނގާ 2020 ވަނަ އަހަރު ދުނިޔޭގެ އިގުތިސޯދު ކުރިއަރާދާނީ، 2019 ވަނަ އަހަރު ލަފާކުރި 2.9 ޕަސެންޓްއަށް ވުރެ މަޑުދުވެއްޔެއްގައި ކަމަށް ޖޯޖީވާ ވަނީ މިމަހުގެ ކުރީކޮޅުވެސް އިންޒާރު ކުރައްވާފައެވެ. ނިމިދިޔަ 2019 ވަނަ އަހަރަކީ ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާއާއި ޗައިނާއާއި ދެމެދު ކުރި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން، 2009 ވަނަ އަހަރަށްފަހު ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އެންމެ ބޮޑަށް މަޑުޖެހިގެން ދިޔަ އަހަރުވެސްމެއެވެ.

ޖޯޖީވާ ވިދާޅުވީ 2021 ވަނަ އަހަރު އަނެއްކާވެސް މާލީ ގޮތުން ތަނަވަސްކަމާ ދިމާލަށް ކުރާ ދަތުރު ހެޔޮފާލަކަށް އެޅިދާނެ ކަމަށާ، ނަމަވެސް އެކަންވެސް ކުރެވެން އޮތީ ގައުމުތައް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

މިހާރު ކުރިމަވެތިފައިވާ ހާއްސަ ހާލަތާ ގުޅިގެން ރާއްޖޭގެ އިގުތިސޯދާތާ މާލިއްޔާތަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމުގެ އިންޒާރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވެސް ވަނީ ދެއްވާފައެވެ.