ދިރާގު ޕޭގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، ކޮވިޑް91 ފެތުރެމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ވަނީ ފަށާފައިވާ އިރު، ވިޔަފާރިތަކުން ދިރާގުޕޭ ގާއިމުކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން މާޗެންޓް ޓްރާންސެކްޝަން ފީ ގެ ގޮތުގައި ނަގަމުން އަންނަ ފީ 3 މަސް ދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ހަމައެއާއެކު 3 މަހުގެ މި މުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް ދައްކަމުންދާ ފީ 3 މަހަށް ނުނަގާނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށާއި، އެގޮތުން އާންމުކޮށް ކަންތައްތައް ކުރާ ގޮތާ ހިލާފަށް އިތުރު އެހެން ގޮތް ގޮތް ހޯދަން މިހާރު ޖެހިފައިވާ ކަމަށް ދިރާގުން ބުނެއެވެ. މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ކެނޑިނޭޅި ސިއްހީ މާހިރުން ދަނީ ގޮވާލަމުންދާއިރު، އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިންވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު އެއްޗެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، ގޭގައި ތިބެގެން ބިލްތައް ދައްކާ، ރެސްޓޯރެންޓްތަކުން އޯޑަރު ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން ވަނީ އިތުރަށް ޖެހިފައި ކަމަށާއި ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށެވެ.

ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިން، ސެލޫންސް އަދި ހޮސްޕިޓަލްތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގުން ދަނީ އިތުރު ވިޔަފާރިތައްވެސް މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު، ދިރާގުގެ ޑިޖިޓަލް ހިދުމަތް ބޭނުން ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ހިދުމަތެކެވެ. ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވެސް ވާކަށް ނުޖެހެއެވެ.