ކޭމްބްރިޖު އިންޓަނޭޝަނަލްއިން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގަމުންދާ އިމްތިހާނުތަކުގެ ތެރެއިން މެއި/ޖޫން ސީރީޒް މިއަހަރު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.

މެއި/ޖޫން މަހު ކުރިއަށް ގެންދާ ކޭމްބްރިޖު އިންޓަނޭޝަނަލްގެ އިމްތިހާނުތައް ކުރިއަށް ނުގެންދާ ގޮތަށް ނިންމާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.

ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ބުނީ އިމްތިހާނުތަކާ ބެހޭ ގޮތުން ސްކޫލްތަކާ ވަރަށް ގާތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި ކޭމްބްރިޖަށްވެސް މިވަގުތު އެންމެ މުހިންމީ ދަރިވަރުންނާ މުދައްރިސުންގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން ކަމަށާ، ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެފައިވާ ވެއްޓެއްގައި އިމްތިހާނު ކުރިއަށް ގެންދިއުމަކީ އިންސާފުވެރި ގޮތް ކަމުގައި ގަބޫލުކުރާ ކަމަށްވެސް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުންވަނީ ބުނެފައެވެ.

މެއި/ޖޫން އަށް ތާވާލުކޮށްފައިވާ އިމްތިހާނުތައް ނުބާއްވާން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއްކަން ފާހަގަކޮށް، ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ބުނީ މި ސީރީޒްގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޭމްބްރިޖު އައި.ޖީ.ސީ.އެސް.އީ، ކޭމްބްރިޖު އޯ-ލެވެލް، ކޭމްބްރިޖު އިންޓަނޭޝަނަލް އޭ.އެސް އަދި އޭ-ލެވެލް އިމްތިހާނުގެ އިތުރުން ކޭމްބްރިޖު އޭއައިސީއީ ޑިޕްލޮމާއާއި ކޭމްބްރިޖް ޕްރީ-ޔޫ އިމްތިހާނު، ކުރިއަށް ނުގެންދާ ގޮތަށް ކަނޑައަޅާފައިވާކަމަށެވެ.

އިމްތިހާނުތަކަށް ތައްޔާރުވުމަށް ދަރިވަރުން ބުރަ މަސައްކަތްތަކެއް ކުރަމުންދިޔަ ކަން ގަބޫލުކުރާކަމަށާ، ދަރިވަރުންނަށް ހާސިލުވެފައިވާ މިންވަރެއް ވަޒަންކުރުމަށް، ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް އެންމެ ފުރިހަމައަށް ބޭނުންކޮށްގެން މިކަން ދެނެގަތުމުގެ މަސައްކަތް ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން ތައުލީމީ މަރުހަލާގެ ތެރޭގައި ދަރިވަރުންނަށް ހާސިލުވެފައިވާ މިންވަރުތައް ވަޒަންކޮށްގެން ކޮންމެ ދަރިވަރަކުވެސް ކޭމްބްރިޖުން ގްރޭޑްކޮށް، ކޭމްބްރިޖު އިންޓަނޭޝަނަލްގެ ސަނަދެއް ދެވޭނެކަމަށްވެސް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއީ މި އާދަޔާ ހިލާފު ދަނޑިވަޅުގައި ދަރިވަރުންނަށް ލިބިދާނެ ނޭދެވޭ ގެއްލުމަކުން އެކުދިން ސަލާމަތްކޮށްދޭނެ ކަމެއްކަންވެސް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ތައުލީމީ މަރުހަލާގެ މިންގަނޑުތަކަށް ބަލައިގެން ދަރިވަރުން ގްރޭޑް ކުރާނެ އުސޫލުތައް ސްކޫޅްތަކާ ހިއްސާކުރާނެ ކަމަށް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ޔުނިވާސިޓީތަކުން އެޑްމިޝަން ދޫކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެނައުމަށް، ދުނިޔޭގެ އެކި ހިސާބުތަކުން ބޮޑެތި ޔުނިވާސިޓީތަކާވެސް މަޝްވަރާ ކުރަމުންދާ ކަމަށާ، އެއީވެސް ދަރިވަރުންގެ ތައުލީމީ ހަޔާތައިގެން ކުރިއަށް ދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ކުރަމުންދާ މަޝްވަރާތަކެއްކަންވެސް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ދުނިޔެ ދެކެމުންދާ މި ހައްސާސީ ދަނޑިވަޅުގައި އިލްމު އުނގެނުމަށް ދަރިވަރުންގެ ކިބައިގައި ހިތްވަރު ނުހުރެދާނެކަން ގަބޫލުކުރާ ކަމަށާ، www.cambridgeinternational.org މެދުވެރިކޮށް ވީހާވެސް ގިނަ ވަސީލަތްތަކެއް ދަރިވަރުންނާ މުދައްރިސުންނާ ސްކޫލްތަކަށް ފޯރުކޮށްދެމުންދާނެކަމަށްވެސް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ބުނެއެވެ.

އިމްތިހާނު ކެންސަލްކޮށް ސަނަދު ދިނުމުގެ އުސޫލަށް ގެނައި ބަދަލުތައް މާޗް 26 ވާ ބުރާސްފަތި ދުވަހު ސްކޫލްތަކާ ހިއްސާކުރެވޭނެ ކަމަށާ، މިކަމާ ގުޅިގެން ދެން ނިންމަންޖެހޭ ކަންކަން ނިންމުމުގައި ސްކޫލްތަކާއެކު މެދު ނުކެނޑި މަސައްކަތް ކުރަމުންދާނެ ކަންވެސް ކޭމްބްރިޖު އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކޭމްބްރިޖުގެ މި ނިންމުމާ ގުޅިގެން ރާއްޖޭގައި މެއި/ޖޫން އަށް ތާވަލުކޮށްފައިވާ އިމްތިހާނު ކެންސަލްވާނެއެވެ. މިކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ވުޒާރާއިން މިވަގުތާ ހަމައަށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.