ދުނިޔޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާ ގުޅިގެން ސަރުކާރުން އެކަމަށް އަޅަމުން އަންނަ ފިޔަވަޅުތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ތައުރީފު ކުރައްވައިފިއެވެ.

ފާއިޒުގެ ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން އަޅަމުން ގެންދާ ފިޔަވަޅުތަކަކީ ސިންގަޕޫރު މޮޑެލް އާ އެއްގޮތް ފިޔަވަޅުތަކެއް ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވާ ކަމަށެވެ. ފާއިޒު ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށީގެން ވަނީ ވެސް އެފަދަ މޮޑެލްއެއް ކަމަށެވެ. މީގެއިތުރުން ރާއްޖެއިން ކޮވިޑް19 އާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސޯދީ ގޮތުން ލިބޭ ގެއްލުންތައް ކުޑަވާނެ ކަމަށެވެ.

"މުޅި ގައުމު. ލޮކްޑައުން ނުކޮށް އެއިރަކަށް އަލަންޖެހޭ ފިޔަވަޅު އެޅުމެވެ. ސިންގަޕޫރުންވެސް އަމަލުކުރަމުން އަންނަނީ މިފަދަގޮތަކަށެވެ،"
ފާއިޒު

ފާއިޒު ވިދާޅުވީ މިއަދު ސިންގަޕޫރުން އަޅާފައިވާ ފިޔަވަޅުތަކަކީ ވަރުގަދަ ފިޔަވަޅުތަކެއް ކަމަށާއި ޑިއުޓީފްރީ ބަންދުކުރުމާއި ބޭރުމީހުންނަށް ސިންގަޕޫރަށް ނޭރޭގޮތަށް ނިންމުމަކީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ. މީގެއިތުރުން ބޭރުމީހުންނަށް ސިންގަޕޫރުގައި ޓްރާންސިޓް ނުކުރެވޭ ގޮތަށް ނިންމުމަކީ ވެސް އެ ގައުމުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ފާއިޒު ވިދާޅުވިއެވެ.

ފާއިޒުގެ އިތުރަށް ވިދާޅުވީ ގިނަ ގައުމުތަކެއް ލޮކްޑައުން ކުރަމުން ދާއިރު، ސިންގަޕޫރަށް ޒިޔާރަތް ކުރާ ބައެއް މީހުން 14 ދުވަހުގެ ކަރަންޓީނުގައި ސިންގަޕޫރުގައި ތިބެން ޖެހުނަސް ހިތްހަމަ ޖެހޭކަމަށެވެ.

ޖުމްލަ ގޮތެއްގައި ފާއިޒު ވަނީ ކޮވިޑް19 އާ ގުޅިގެން ސިންގަޕޫރުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ މުހިއްމު އަދި އިގްތިސޯދަށް ވެސް އެކަމުން އެންމެ އަސަރު ކުޑަވާނެ ފިޔަވަޅުތަކެއް ކަމަށް ފާހަގަ ކުރައްވާފައެވެ. އެއީ ގައުމު ލޮކްޑައުން ނުކޮށް އެގައުމު އެބަލިން އަރައިގަތުމަށް ކުރާ މަސައްކަތެވެ. ރާއްޖެއިން ވެސް އަމަލު ކުރަމުން ދަނީ ދާދި އެއްގޮތް ގޮތަކަށްކަން ވެސް ފާއިޒު ފާހަގަ ކުރެއްވިއެވެ. އެއީ މި ހާލަތުގައި ރާއްޖެވެސް ލޮކްޑައުން ނުކޮށް ފިޔަވަޅުތައް އަޅަމުން އަންނާތީއެވެ.

ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ތިން މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑް19 ޖެހިފައި ވަނީ ހުސް ބިދޭސީންނަށެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސް ތިބި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.