އެއީ އެމެރިކާގެ އެންމެ ބައިބޯ އެއް ސްޓޭޓް ކަމަށްވާ ޖޯޖާގެ އެޓްލާންޓާއަށް ނިސްބަތްވާ ޓެރެންސް ލެސްޓާއެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ފުރަތަމަ ފިޔަވަޅަކީ ސައިބޯނިލައިގެން ރަނގަޅަށް ދޮވުން ކަމަށްވާއިރު، އޭނާ މިއަދު އެދަނީ، އަތް ދޮވާލަންވެސް ވަންނާނެ ހިޔާވަހިކަމެއް ނެތް މީހުންނަށް އެ ފުރުސަތު ތަނަވަސްކޮށްދެމުންނެވެ. ސިންކުތައް ބަހައްޓާ، ފެނާ ސައިބޯނި ފޯރުކޮށްދެމުންނެވެ.

"މީޑިއާއިންވެސް އަބަދު އެ ގޮވަނީ އަތް ދޮންނާށޭ. އެކަމަކު ގެދޮރު ނެތް، ބޯހިޔަވަހިކަމެއް ނެތް މީހުންނަށް އެ ފުރުސަތެއް ނެތް" ލެސްޓާ ބުންޏެވެ.

ލަވް ބިޔޯންޑް ވޯލްސް ޖަމިއްޔާއިން ބަހައްޓާފައިވާ ސިންކަކަށް ފެން ފުރަނީ/ފޮޓޯ: ޑެނީ އަންޑޫހޯ

ލެސްޓާއަކި ހިލޭ އެހީދޭ ޖަމިއްޔާއެއްގެ އާދައިގެ މަގާމުތަކުން ފެށިގެން ގޮސް އެންމެ އިސް މަގާމުތަކަށް ބެލި ކަމުގައި ވީ ނަމަވެސް، އެމީހުންނާ ނުބައްދަލު ދަރަޖައަކަށް، މިމީހުންގެ ތަޖުރިބާ އެންމެ ގާތުން ތަޖުރިބާކާކޮށްފައިވާ ފަރާތެކެވެ.

މާލީ މަންފާއެއް ނުލިބޭ ގޮތަށް ހިންގާ 'ލަވް ބިޔޯންޑް ވޯލްސް'ގެ އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމުގައި މިއަދު ހުއްޓެއްކަމަކު، ލެސްޓާވެސް ފުރާވަރު އުމުރުގެ ދުވަސްތައް ގުނީ މަގުތައް މަތީގައެވެ. ވަންނާނެ ހިޔާވައްސެއް ނެތިއެވެ. 'ލަވް ބިޔޯންޑް ވޯލްސް'އަކީ، ލެސްޓާ ތަޖުރިބާކުރި ހިތްދަތި ތަކުލީފުގައި މިއަދުވެސް ދިރިއުޅެންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހާއްސަކޮށްގެން ހިންގާ ޖަމިއްޔާއެކެވެ. ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ މި ނުރައްކާތެރި ބަލިމަޑުކަމާއެކު ގެދޮރު ނެތް ނިކަމަތިން އުޅޭނެ ދަތިހާލާ، ގަންނާނެ ބިރު އިހުސާސްކޮށްލަންވެސް ނޭނގޭ ކަމަށް ލެސްޓާ ބުންޏެވެ.

"މި ބަލިމަޑުކަމުގައި އެމީހުން އުޅޭނެ ގޮތަކާ މެދު ވިސްނަން ވަރަށް މަސައްކަތް ކުރިން. މ ބަލިމަޑުކަމުގެ ތެރޭގައި އެމީހުން ދިރިއުޅޭނެ ގޮތެއް ވިސްނޭތޯ ވަރަށް ބެލިން. ރަނގަޅަށް އަތް ދޮވެލެވޭނެ ފަދަވެސް ނެތްއިރު، އެމީހުން ދިރިއުޅޭނީ ކިހިނެއް؟ މިކަން ފެށުނީ އެހާ ހިސާބުން" ކޮވިޑް-19ގެ ނުރައްކާ އެމެރިކާގައިވެސް ބޮޑުވަމުން އަންނަ މިދަނޑިވަޅުގައި އޭނާ ފޯރުކޮށްދެމުންދާ އިޖުތިމާއީ ހިދުމަތުގެ ފެށުން އައި ގޮތް ކިޔައިދެމުން ލެސްޓާ ބުންޏެވެ.

ކޮވިޑް-19 ފެތުރެމުންދާ އިޓަލީވިލާތުގައި ގެދޮރު ނެތް މީހެއްގެ ހާލު ބެލުމަށް ރެޑް ކްރޮސް ޓީމަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ލެސްޓާ މިކަމަށް ހައްލު ހޯދީ، އެމެރިކާއަށް އާންމު އާރްވީތަކާ ކޭމްޕުތަކަށް ދާ މީހުންނަށް ހާއްސަކޮށްގެން އެގައުމުގައި ވިއްކަން ހުންނަ، ފަސޭހައިން އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ހެދޭ ސިންކުތަކަކުންނެވެ. މިއިން ކޮންމެ ސިންކަކާއެކު 5 ގެލަނުގެ ޓޭންކެއްވެސް ހުރެއެވެ. ކޮންމެ ސިންކަކަށް ސައިބޯނި ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ސިންކު ބަހައްޓާ ހިސާބުން ލަވް ބިޔޯންޑް ވޯލްސްގެ މަސައްކަތް ނިމުނީކީނޫނެވެ. އެ ކަމިއްޔާއިންދަނީ ކޮންމެ ދުވަހަކު މި ސިންކުތައް ސާފުވެސް ކޮށްދެމުންނެވެ. ފެން ފުރާދީ، ސައިބޯނި އާކޮށްދެމުންނެވެ. ލެސްޓާމެން މިހާރު މަސައްކަތް ކުރަމުންދަނީ މިފަދަ އިތުރު ސްޓޭޝަންތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމަށެވެ.