ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް19 އާ ގުޅިގެން އޭޝިއާގެ އެންމެ ބޮޑު މަހުޖަނު މަޝްހޫރު "އަލީބާބާގެ" ފައުންޑާ ޖެކްމާ ރާއްޖެ ހިމެނޭހެން އޭޝިއާގެ ދިހަ ގައުމަކަށް އެހީވުމަށް ނިންމަވައިފިއެވެ.

ޖެކްމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ބޭނުންވާ ސާމާން ސަޕްލައިކޮށްދޭނެ ކަމަށެވެ. އެގޮތުން 1.8 މިލިއަން މާސްކާއި، 210000 ޓެސްޓު ކިޓާއި، 36000 ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތާމޯމީޓަރު ސަޕްލައި ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ޖެކްމާ ވިދާޅުވިއެވެ.

ރާއްޖެ ވެސް ހިމެނޭހެން ޖެކްމާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އަފްގާނިސްތާނާއި ބަންގްލަދޭޝް އާއި ކެމްބޯޑިއާ އާއި ލާއޯސް އާއި މޮންގޯލިއާ އާއި މިޔަންމާ އާއި ނޭޕާލްގެ އިތުރުން ޕާކިސްތާން އަދި ލަންކާއަށެވެ.

ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑު ކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މި ބަލި މިހާތަނަށް 185 ގައުމަކުން ވަނީ ފެނިފައެވެ. މިހާތަނަށް މި ބައްޔަށް 27،6474 މީހުން ޕޮޒިޓިވް ވެފައިވާއިރު 11 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ރާއްޖެއިން ވެސް މި ބައްޔަށް 13 މީހަކު ޕޮޒިޓިވްވިއެވެ. ނަމަވެސް ރޭ ސަރުކާރުން ވަނީ އޭގެތެރެއިން ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ. އެއީ ސޭންޑީޒް ބަތަލާ ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ދެ ބިދޭސީންނެވެ.