ޗައިނާގެ އާބާދީ ތެރޭގައި އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް ބަލި ފެތުރިގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އިތުރު މީހަކު ޕޮޒިޓިވް ނުވާތާ 3 ދުވަސް ވެފައި ވާ ކަމަށް ޗައިނާގެ ގައުމީ ސިއްހަތާ ބެހޭ ކޮމިޝަނު (އެން.އެޗް.ސީ)އިން ހާމަކޮށްފިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ހުކުރު ދުވަހު ޗައިނާއިން ރިޕޯޓްކޮށްފައިވަނީ 41 އާ ކޭހެކެވެ. އެން.އެޗް.ސީއިން މައުލޫމާތު ދޭ ގޮތުގައި، މިއީ މުޅިންވެސް 'އިމްޕޯޓް' ވި ކޭސްތަކެކެވެ. ނުވަތަ ބޭރު ގައުމުތަކުން ޗައިނާއަށް ދަތުރުކުރި މީހުންގެ ފަރާތުން ފެނުނު ކޭސްތަކެކެވެ.

ޗައިނާއިން ކޮވިޑް-19ގެ ޝިކާރައަކަށްވި 81008 މީހުންގެ ތެރެއިން ހުކުރު ދުވަހު މަރުވި 7 މީހުންނާއެކު އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 3255އަށް އަރާފައެވެ. މިއީ މި ބަލީގައި ދުނިޔޭގައި 2 ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީވިލާތުގައެވެ.

މިހާތަނަށް ބަލީގެ ހަގީގީ ފެށުން ދެނެގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ޗައިނާއިންނެވެ. މި ބަލި އެންމެ ފުރަތަމަ ފެންނަން ފެށީ ޗައިނާގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ، ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގެ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދުންނެވެ.

ވޫހާންއިން ބަލި ފެންނަ މިންވަރު އިންތިހާއަށް އިތުރުވާން ފެށުމާއެކު ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށިއެވެ. އެގޮތުން މުޅި ހޫބޭ ޕްރޮވިންސް ލޮކްޑައުންކޮށް، ގައުމުގެ އެކި ހިސާބުތަކުގައި އެފަދަ ފިޔަވަޅުތައް ތަންފީޒުކޮށް މުޅި ގައުމު އެއްކޮށްހެން ހުއްޓުމަކަށް ގެނެސް، ކޮވިޑް-19އާ ކުރިމަތިލުމަށް މަސައްކަތްތައް ކުރަން ފެށިއެވެ.