ޗެނަލް13 އިން ކުރަނީ ކުރިން ރާއްޖެޓީވީން ކުރަމުން ދިޔަ ކަންތައް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރުގައި ރާއްޖެ ޓީވީ ބަންދު ނުކުރީ އިދިކޮޅަށް އުޅޭ މީހުންގެ އަޑު ނީވިދާނެތީ ކަމަށާއި މިހާރުވެސް ކުރަންވީ ކަމަކީ ޒިންމާދާރު ނޫސްވެރިކަމަށް ހިތްވަރު ދިނުން ކަމަށެވެ. މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދައްކަވާފައިވާ ވާހަކަތަކާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ދައްކަވަ ވާކަތަށް ތަފާތު ނުކުރުމަށްވެސް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

ޝަރީޕް އެހެން ވިދާޅުވުމާ ގުޅިގެން އެކަމަށް ހޫނު ރައްދެއް ދެއްވާފައި ވަނީ ރާއްޖެ ޓީވީގެ އެމްޑީ އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީން ދެކެފައި ވަނީ ކަޅު ދުވަސްތަކެއް ކަމަށާއި ރާއްޖެޓީވީއަށް ވާން އުޅުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި އެދުވަހު ރާއްޖެޓީވީން ދެއްކިފަދަ ހިތްވަރެއް ނުދެއްކޭނެ ކަމަށާއި އެ އަނިޔާގެ ރައްރެއްގެ މިންވަރަށްވެސް ކެތް ނުކުރެވޭނެ ކަމަށެވެ. އޭރު ރާއްޖެޓީވީގައި ތިބި ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެ ސްޓޭޝަންގައި އަލިފާން ރޯކޮށްލި ވާހަކަ ސަލީމް ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވެފައި ވަނީ އޭރުގެ ސަރުކާރުން، ނުހައްގުން އެތައް މިލިއަން ރުފިޔާއެއް "ފޭރިގެންފައި"ވާ ކަމަށާއި އޭރު ނޫސްވެރިން ތަކެއް ޖަލަށް ލީ އިރު "އަތްޖަހަން" ހުންނެވި ބޭފުޅަކީ ޝަރީފް ކަމަށްވެސް ވިދާޅުވެ، މިނިވަން ނޫސްވެރިކަމަށް ގޮވާލާ ވާހަކަ ނުދެއްކެވުމަށްވެސް ސަލީމް ގޮވާލައްވާފައި ވެއެވެ.

ޗެނަލް13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓު ލިމިޓެޑަށް އަންގާފައި ވަނީ އިއްޔެއެވެ. އެކަމާގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށެވެ.

ބްރޯޑްކޮމް އިން މިގޮތަށް އަންގާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޗެނަލް13 ގެ "މަޑިސީލަ" ޕްރޮގްރާމުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އޮތް ކަމަށާއި އެކަން ހާމަ ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ބްރޮޑްކޮމްއިން ބުނެފައި ވަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބެލުމަށްފަހު މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން ނިންމާފައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނިމެންދެން ކަމަށެވެ.

އަދި މި މުއްދަތުގައި ރާއްޖޭގެ އާންމު ސިއްހީ ނުރައްކަލުގެ މިހާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.