ދުނިޔޭގެ ދެކުނު ތަނޑި ނުވަތަ އެންޓާޓިކާ ފިޔަވާ އެހެން ހުރިހާ ބައްރަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 10000އަށް ވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖެ ގަޑިން މިއަދު 07:12 ހިނގުމާ ހަމައަށް، ދުނިޔޭގެ 167 ގައުމަކާ ސަރަހައްދެއްގެ އިތުރުން، ޖަޕާނުގައި ބަނދަރުކޮށްފައިވާ 'ޑައިމަންޑް ޕްރިންސަސް' ކްރޫޒްލައިނާއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 10048 އަށް އަރާފައެވެ.

މިވަގުތާ ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު 245613 އަށް އަރާފައިވާއިރު، އިންފެކްޓްވި މީހުންގެ 90 ޕަސެންޓް ނުވަތަ 88437 މީހުން ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ މިވަގުތު އެންމެ ބޮޑީ އިޓަލީވިލާތުގައެވެ. 41035 މީހަކު އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 4440 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މި ބަލީގައި އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 3405 އަށް އަރާފައިވާއިރު، މިއީ ކޮވިޑް-19ގެ ފެށުން ކަމުގައިވާ ޗައިނާއިން މި ބަލީގައި މަރުވި މީހުންނަށްވުރެ އިތުރު އަދަދެކެވެ.

ޗައިނާއިން 80967 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވިއިރު، މަރުވީ 3248 މީހުންނެވެ. 71150 މީހަކު ޗައިނާއިން ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. މީގެ އިތުރުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރިގެން 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓެއް ލިބިފައި ނުވާކަމަށްވެސް ޗައިނާއިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ރާއްޖެއާއި އެންމެ ކައިރިން، އަވަށްޓެރި އިންޑިއާއަށް ބަލާއިރު މިހާތަނަށް 194 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ. ސްރީލަންކާއިން 60 މީހަކު ޕޮޒިޓިވްވެފައިވާއިރު 3 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. އިންޑިއާއާއި ސްރީލަންކާގެ އިތުރުން އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ އެއް ގައުމު ކަމަށްވާ މެލޭޝިއާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 900 އަށް އަރާފައިވާއިރު، 2 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

ރާއްޖެއަށް ބަލާއިރު 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެއެވެ.