ކޮވިޑް-19 ރޯގާ ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފިއެވެ.

ސަރުކާރު ބަންދުގައި ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތައް، އެމްއެމްއޭ އިން ވަނީ ކަނޑައަޅައި އިއުލާނުކޮށްފައެވެ. އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް ބީއެމްއެލް ހިދުމަތްތައް ދޭން ތިން ދުވަސް ވަނީ ކަންޑައަލާފައެވެ. އެއީ މި މަހުގެ 18 އާއި 23 އަދި 26 ވަނަ ދުވަހެވެ.

ބީއެމްއެލް އިން ބުނީ، މި ތިން ދުވަހު ވެސް ހިދުމަތް ދޭނީ ހެނދުނު 9:30 އިން 11:30 އަށް ކަމަށެވެ. މި ދުވަސްތަކުގައި ބޭންކިން ހިދުމަތްތައް އެ ބޭންކުގެ މެއިން ބްރާންޗާއި ބީއެމްއެލް އިސްލާމިކް ބްރާންޗާއި ވިލިމާލެ ބްރާންޗާއި އެއާޕޯޓު ބްރާންޗާއި ހުޅުމާލެ ބްރާންޗާއި ކަސްޓަމާ ސާވިސް ސެންޓަރުގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި އައުޓްލެޓްތަކުން ވެސް ހިދުމަތް ދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހަމައެއާއެކު މި ދުވަސްތަކުގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޗެކް ޑިޕޮސިޓް ކުރުމާއި އިންޓަނޭޝަނަލް ޓްރާންސްފާތަކާއި ލޯކަލް ބޭންކްތަކަށް ޓްރާންސްފާ ކުރުމާއި ޕޭރޯލް ރިކުއެސްޓްތަކާއި ކާޑުގެ ހިދުމަތްތައް ވެސް ލިބިގެން ދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ހިދުމަތްތައް ދޭ އިރު އެ ދުވަހެއްގެ 10:00 ގެ ކުރިން އެހެން ބޭންކްތަކުން ލިބޭ ޗެކްތައް ހަމަ އެ ދުވަހު ކްލިއާ ކުރެވޭނެ ކަމަށާއި ލޯކަލް ބޭންކްތަކަށް ފައިސާ ޓްރާންސްފާ ކުރުމުގައި އެއް ލައްކަ ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ ޖަމާކުރެވޭނީ ދެން އަންނަ މަސައްކަތު ދުވަހަކު ކަމަށް ބީއެމްއެލުން ބުނެއެވެ. ނަމަވެސް އެއް ލައްކަ ރުފިޔާ އަށް ވުރެ މަތީ އަދަދެއް އެ ދުވަހެއްގެ 10:30 ގެ ކުރިން ޓްރާންސްފާ ކުރަން އެދިފައިވާ ނަމަ އެ ދުވަހު ފައިސާ ޖަމާކުރެވޭނެ ަކމަށް ބޭންކުން ބުނެއެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް ޓްރާންސްފާ އާއި ޕޭރޯލް ރިކުއެސްޓްތަކަށް ހިދުމަތް ދޭ ދުވަހެއްގެ 11:00 ކުރިން ހިދުމަތަށް ރިކުއެސްޓް ކޮށްފި ނަމަވެސް އެދުވަހުން ދުވަހަށް ހިދުމަތް ދެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބްރާންޗްތަކުން ދޭ ހިދުމަތްތަކުގެ އިތުރުން ބީއެމްއެލްގެ އޭޓީއެމް އަށް އެ ދުވަހެއްގެ 11:30 ގެ ކުރިން ޑިޕޮސިޓް ކުރާ ޗެކްތަކަށް އެ ދުވަހަކު ހިދުމަތް ދެވޭނެ ކަމަށާއި ނަމަވެސް އެހެން ބޭންކްތަކުގެ ޗެކް ކްލިއާ ކުރާނީ ބޭންކަށް ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ މަސައްކަތު ދުވަހު ކަމަށް ބޭންކުން ބުނެއެވެ.