ޒަމާނީ ތައުލީމުގެ ހަބެއްގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ އިނގިރޭސިވިލާތް (ޔޫކޭ)ގައި ތައުލީމު ފޯރުކޮށްދޭ ތަންތަން ހުކުރު ދުވަހުން ފެށިގެން ބަންދުކޮށް، ބައެއް ސަރަހައްދުތަކުގައި އަހަރުގެ ބޮޑު އިމްތިހާނު ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިނގިރޭސިވިލާތަށްވެސް އިންތިހާއަށް ބޮޑުވަމުންދާއިރު، މިއީ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.

ތައުލީމު ފޯރުކޮށްދޭ ތަންތަން ބަންދުކުރަން އަމުރެއް ނެފައިވީ ނަމަވެސް، ކޮވިޑް-19އާއި ގުޅިގެން ކޮންމެހެން މަސައްކަތު ނިކުންނަންޖެހޭ މަސައްކަތްތެރިންގެ ދަރިންނާ، ނުރައްކާ ފަތަރުގައި ތިބި ނާޒުކު ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ތަންތަން ބަންދު ނުކުރާނެ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ އިއުލާންކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން ގައުމީ ހިދުމަތަށް ނިކުންނަ މުވައްޒަފުންގެ ދަރިންނަކީ، ކޮވިޑް-19 ނުރައްކާ ބޮޑު ގިންތިތަކުގެ ތެރޭގައި ހިމެނޭ ދޮށީ އުމުރުގެ މާމަ/ކާފަ އާއި ހަވާލުކުރާ ކުދިބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް ބޮޑުވަޒީރު ވަނީ އަންގަވާފައެވެ.

ކިޔެވުން މެދުކަނޑާލާ، ދަރިވަރުންގެ އިލްމީ މަންހަޖު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އިންގްލަންޑްއާއި ވޭލްސްގައި މިއަހަރުގެ ބޮޑު އިމްތިހާނު ނުބާއްވާ ގޮތަށްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ސްކޮޓްލަންޑް އަދި ނޮދާން އަޔަލަންޑްއިންވެސް މިފަދަ ނިންމުމެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ކިޔެވުން މެދުކަނޑާލާ، އިމްތިހާނުތައް ފަސްކުރި ކަމުގައިވީ ނަމަވެސް، ދަރިވަރުންނަށް ހައްގުވާ ސަނަދުތައް އެ ދަރިވަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް އިނގިރޭސިވިލާތުގެ ތައުލީމާ ބެހޭ ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން އަޅަމުންދާ ބައެއް ފިޔަވަޅުތަކާއެކު އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ މީހުންނަކީ ކުލި ދައްކައިގެން އުޅޭ ފަރާތްތައް ކަމަށްވާއިރު، ބޯހިޔާވަހިކަން މިވަގުތަށް ނުގެއްލޭ ގޮތަށް ކުއްލި ހާލަތުގެ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް، އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 2626 ކޭހެއް އިނގިރޭސިވިލާތުން ރިޕޯޓްކޮށްފައިވާއިރު، 104 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.