މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ދުނިޔޭގެ ހުރިހާ ހިސާބަކަށްހެން ދަތުރުކޮށް، ހަލުވިކަމާއެކު ފެތުރެމުންދާއިރު މިކަންވެފައި ވަނީ އާންމު ދިރިއުޅުމުގެ ކަންކަމުން ފެށިގެން ގައުމުތަކުން އެތައް އަހަރެއް ވަންދެން ތަންފީޒު ކުރަމުންދިޔަ ވަރުގަދަ ސިޔާސަތުތައްވެސް ބަދަލުކޮށްލުވި ކަމަކަށެވެ. ބޮޑެތި ބިޔަ ގައުމުތައްވެސް ކުޑަކަކޫ މައްޗަށް ތިރިކޮށްލުވި ކަމަކަށެވެ. ބައިނަލްއަގުވާމީ މަސްރަހުގެ އޮއެވަރާ ދުރުގައި އޮތް އެތައް ގައުމެއް، އެ ޕްލެޓްފޯމަށް އަރަން މަޖުބޫރު ކުރުވި ކަމަކަށެވެ.

މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓުމުގެ ނަމުގައި އަމިއްލަ އަމިއްލައަށް ކަންކަން ނިންމަމުން ދިޔަ އެތައް ގައުމެއް މިއަދު ވަނީ އެހެން ގައުމުތަކުގެ އެހީއަށް ބޭނުންވެފައެވެ. މިފަދަ އެއް ގައުމަކީ، ދިވެހިރާއްޖޭގެ އަވަށްޓެރި ސްރީލަންކާއެވެ. ދާހިލީ ހަނގުރާމައިގެ ކަންކަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަމާޒުކުރަމުންދިޔަ ފާޑުކިއުންތަކާ، ދެމުންދިޔަ އިރުޝާދުތަކަށް ފުރަގަސް ދެމުންދިޔަ ސްރީލަންކާއިން މިހާރު ދަނީ ގައުމުތަކުގެ އެހީއަށް އެދެމުންނެވެ.

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގައި އާންމުން ދިރިއުޅޭ ސަރަހައްދެއް ޑިސްއިންފެކްޓް ކުރަނީ/ފޮޓޯ: ޓީއޯއައި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ސްރީލަންކާއިންވެސް ދަނީ މިފަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ބައިނަލްއަގުވާމީ ފެންވަރުގައި އަޅާ އެންމެ އާންމު ފިޔަވަޅަކީ ދަތުރުފަތުރުތައް ހުއްޓާލުމެވެ. ކަންމިހެން އޮތްއިރު، ސްރީލަންކާގެ ހާރިޖިއްޔާއިންވަނީ އެހެން ގައުމުތަކަށް ދަތުރުކޮށްފައިވާ ރައްޔިތުންގެ ތެރެއިން، ކޮވިޑް-19އާ ގުޅިގެން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެނބުރި އަމިއްލަ ވަޒަނަށް ނާދެވި ތިބި ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ގައުމުތަކުގެ ހާރިޖިއްޔާތަކުގެ ކިބައިން އެދިފައެވެ.

1 މަހަށް ވިސާ އިތުރުކުރުން

ބޭރު ގައުމުތަކުގައި ތާށިވެފައިވާ ސްރީލަންކާގެ ރައްޔިތުންގެ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ސްރީލަންކާގެ ސަރުކާރުގެ ފަރާތުން އެދިވަޑައިގަތީ އެގައުމުގެ ފޮރިން ސެކްރެޓަރީ ރަވީނާތަ އާރްޔަސިންހާއެވެ.

ބޭރު ގައުމުތަކުގައި ތިބި ސްރީލަންކާ ރައްޔިތުންގެ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ސްރީލަންކާއިން ގޮވާލާފައިވާއިރު، އެ ގައުމުގައި ތިބި ބިދޭސީންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތަށް 1 މަސްދުވަހަށް އިތުރުކޮށްދިނުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. ހުރިހާ ބާވަތެއްގެ ވިސާއަކަށްވެސް މި ފުރުސަތު އޮތް އިރު، 1 މަސްދުވަހުގެ މުއްދަތު ގުނާނީ އެމީހެއްގެ ވިސާ ހަމަވާ ތާރީހުން ފެށިގެން ކަމަށްވެސް ފޮރިން ސެކްރެޓަރީ ވަނީ ފާހަގަކުރައްވާފައެވެ.

ބައިނަލްއަގުވާމީ ގުޅުންތަކާ އެކަހެރި ގެންގުޅުނު ސްރީލަންކާއިން މިހާރު ދަނީ ކޮވިޑް-19އާ ގުޅިގެން އެ ގައުމުން އަޅަމުންދާ ފިޔަވަޅުތައް ބައިނަލްއަގުވާމީ ޑިޕްލޮމެޓުންނާ ގަވައިދުން ހިއްސާކުރަމުންނެވެ.

އިންތިހާބު ފަސްކުރުން؟

ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ކޭހުގެ އަދަދު އިތުރުވަމުންދާއިރު، ވޯޓުލުން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށްބުނެ، ސްރީލަންކާގެ އިންތިހާބުތަކާ ގުޅުންހުރި މައްސަލަތައް ބަލާ މަރުކަޒު (ސީއެމްއީވީ)އިން ވަނީ، އެގައުމުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ އާންމު އިންތިހާބު ފަސްކުރުމަށް ގޮވާލާފައެވެ.

ކޮވިޑް-19ގެ ހާލަތު މިފަދަ ގޮތަކަށް އޮއްވާ، އިންތިހާބު ކުރިއަށް ގެންދިއުމަކީ މިނިވަންކަމާ އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިހާބަކަށް އޮތް ފުރުސަތު ގެއްލިގެން ދާނެ ކަމެއް ކަމަށް ސީއެމްއީވީއިން ދަނީ ބުނަމުންނެވެ.

ސްރީލަންކާގެ 7 ވަނަ ރައީސް އިންތިހާބު ކުރުމަށް ކުރިއަށް ގެންދާ ވޯޓަށް މަރުކަޒު ތައްޔާރުކުރުމުގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

އިންތިހާބަކީ އެހެން ހަރަކާތްތަކާ އަޅާބަލާއިރު ގައިކޯޅި ކޮންޓެކްޓް ބޮޑު ހަރަކާތެއްކަމުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތުވެސް އިންތިހާބުގެ ތެރޭގައި ބޮޑުކަން، އެ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.

ހަމަ މިފަދައިން، އިންތިހާބުގައި ވޯޓުދިނުމަށް ނިކުންނަ މީހުންގެ އަދަދަށްވެސް ނޭދެވޭ ބަދަލުތަކެއް އައުން އެކަށީގެންވާކަމަށް އިންތިހާބު ވިލަރެސްކުރުމުގައި ލަންކާގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ސީއެމްއީވީއިން ދަނީ ބުނަމުންނެވެ. މިހާރު ކުރިއަށްދަނީ އާންމު އިންތިހާބަށް މެމްބަރުން ކެންޑިޑަސީ ހުށަހެޅުމުގެ މަސައްކަތް ކަމަށްވާއިރު، އެ މަރުހަލާ ނިމުމުން އިންތިހާބު ބާއްވާނެ ފަހުގެ ތާރީހެއް އިއުލާން ކުރުން އެދެވިގެންވާކަމަށްވެސް ސީއެމްއީވީއިން ވަނީ ލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް ގޮވާލާފައެވެ.

ކޮވިޑް-19އާ ކުރިމަތިލުމަށް ޗައިނާގެ ލުއި ލޯނު

ސްރީލަންކާއާއި ޗައިނާގެ ބަދަހި ގުޅުމަކީ ދެކުނު އޭޝިއާގެ އިތުރުން ހުޅަނގުގެ ބާރުތައްވެސް ޖެހިލުންވާ ގުޅުމެކެވެ. ޖިއޮގްރަފީ ގޮތުން ސްރީލަންކާ އޮންނަ ސަރަހައްދަކީ ބައިނަލްއަގުވާމީ ޑިޕްލޮމެޓިމް އިސްތިރާޖަށް މުހިންމު ސަރަހައްދެއް ކަމުން މި ދެގައުމުގެ ގުޅުމަށް ފާރަވެރިވާ ކިތަންމެ ގައުމެއް އެބައޮތެވެ.

ޗައިނާއިން އުފެދި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރި، އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާ ކޮވިޑް-19އާ ގުޅިގެން ސްރީލަންކާއަށް އެހީގެ ދީލަތި އަތެއް ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ ފުރަތަމަ ދިއްކޮށްލި ގައުމަކީ ޗައިނާ ކަމުގައިވެސް ބުނެވިދާނެއެވެ.

2017 ވަނަ އަހަރުގެ ތެރޭގައި 99 އަހަރަށް ސްރީލަންކާއިން ޗައިނާއަށް ލީޒްކޮށްފައިވާ ހަމްބަންޓޯޓާ ޕޯޓް/ފޮޓޯ: ޑަބްލިއުޑަބްލިއުޓީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް މާލީ އެހީ ބޭނުންވާ ކަމަށް ސްރީލަންކާއިން ގޮވާލި ގޮވާލުމަށް ޗައިނާއިންވަނީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. މިއީ ލޯނު ދޫކުރުމުގެ މާލީ ބާޒާރުގެ ހަރަކާތްތަކުގެ އިމުން ބޭރުން ދޫކުރި ކޮންސެޝަނަރީ ލޯނެކެވެ.

ސްރީލަންކާގެ މާލީ ވުޒާރާއިން އާންމުކުރި ބަޔާނެއް ބުނާ ގޮތުގައި މި ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި 3 އަހަރު ދުވަސް ހަމަޖައްސާފައިވާއިރު، ލޯނު ހަލާސް ކުރަންޖެހެނީ 10 އަހަރު ދުވަހުންނެވެ. މިހިނގާ މާޗް މަހުގެ ފަހުކޮޅުން ފެށިގެން ސީދާ މާލީ އެހީ ލިބެން ފަށާނެ ކަމަށް ބުނެފައިވާއިރު، ސްރީލަންކާގެ ފޮރިން އެކްސްޗޭންޖު ރިޒާވަށް ޖަމާކުރާ މި ފައިސާ ބޭނުންކުރަމުންދާނީ ކޮވިޑް-19އާ ކުރިމަތިލުމަށާ މާލީ ކަންކަން ހަމަޖެއްސުމަށް ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވައިގެ އުދުހުންތަކަށް އަދިވެސް ބޮޑު ހުރަހެއް

ސްރީލަންކާގެ މައި އެއާޕޯޓް ނުވަތަ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ)ގައި އެއްވެސް ހާލެއްގައި ޓްރާންސިޓް ކުރާ ކޮންމެ މީހަކަށްވެސް، އެ އެއާޕޯޓްގައި އެންމެ ގިނަވެގެން ހުރެވޭނީ 6 ގަޑިއިރުގެ ވަގުތަކަށް ކަމަށް ސްރީލަންކާއިން މިހާރު ވަނީ ކަނޑައަޅާފައެވެ.

ސްރީލަންކާގެ ސިވިލް އޭވިއޭޝަނާ ބެހޭ ޑައިރެކްޓާ ޖެނެރަލް އާންމުކުރެއްވި ބަޔާން ބުނާ ގޮތުގައި، ބީއައިއޭގައި ޖައްސާ ކޮންމެ ފަސެންޖަރަކީ، އެންމެ ލަސްވެގެން 6 ގަޑިއިރުގެ ތެރޭގައި އެ ބަނދަރުން ފުރަންޖެހޭނެ މީހެއް ކަމުގައި ލާޒިމުކުރެއެވެ.

ސްރީލަންކާ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ރޮއިޓާޒް

ކަންމިހެން އޮތްއިރު، ސްރީލަންކާގެ ސިއްހަތާ ބެހޭ އޮފިޝަލުން ދެއްވި އިރުޝާދަށް ބަލާ، މިއަދު ފަތިހު ލަންކާ ގަޑިން 04:00 އިން ފަށައިގެން މާޗް 25 ވަނަ ދުވަހުގެ ނިޔަލަށް، ސްރީލަންކާގެ ބައިނަލްއަގުވާމީ އެއްވެސް ވައިގެ ބަނދަރަކަށް އެގައުމަށް އެތެރެވާ މީހުން ގޮވައިގެން އަންނަ އެއްވެސް ކޮމާޝަލް ފްލައިޓެއް ނުޖެއްސޭނެ ކަން ވަނީ އިއުލާންކޮށްފައެވެ.

މިއަދު ތަންފީޒު ކުރަން ފެށި އަމުރުގެ ދަށުން އިސްތިސްނާވާ ފްލައިޓްތަކަކީ:

  • ސްރީލަންކާގައި ތިބި ސްޓޮޕްއޯވާ، ޓްރާންސިޓް އަދި ފަތުރުވެރިވެރިން ގޮވައިގެން ކޮޅުނބުން ފުރާ ފްލައިޓްތައް
  • ކުއްލި ހާލަތެއް މެދުވެރިވެގެން ބީއައިއޭއަށް ޑައިވާޓްކުރާ ފްލައިޓްތައް
  • ބީއައިއޭއަށް ދަތުރުކުރާ ކާގޯ ފްލައިޓްތަކާ، އިންސާނީ އެހީއާ ގުޅިފައިވާ ފްލައިޓްތައް
  • ފަންނީ އެކި ކަންކަމާ ގުޅިގެން ކޮންމެހެން (ބީއައިއޭއަށް) ޖައްސަންޖެހޭ ފްލައިޓްތައް
  • (ފަސެންޖަރުންނާ ނުލާ) ބީއައިއޭއަށް ޖައްސަންޖެހޭ ފެރީ-ފްލައިޓްސްއެވެ.

ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 51 އަށް އަރާފައިވާއިރު، މި ބަލީގައި އެގައުމުން އަދި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެއެވެ.