ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ކެބިނެޓުގެ ވަޒީރުންގެ އިތުރުން މަޖިލިސް މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށް ނިންމައިފިއެވެ.

މިހެން ނިންމާފައި ވަނީ މިއަދު ރައްޔިތުން މަޖިލީހުގައި ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން ވޯޓު ގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ އަސާސީ މުސާރައަށް 30،000 ރުފިޔާއަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށެވެ. އޭގެތެރޭގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ވަޒީރުން، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ކޮމިޝަންތަކުގެ މެންބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިމެނެއެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، ސަރުކާރު ހަފްތާއަކަށް ބަންދުކުރުމާއި، ހާއްސަ ހާލަތެއްގައި މެނުވީ ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލަން ނިންމާ، މިއަދުގެ މަޖިލީހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.

އަސާސީ މުސާރައަށް 30،000 ރުފިޔާއަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ ސިޔާސީ ފަރާތްތަކުގެ މުސާރަތައް ކުޑަކުރުމަށް ފާސްކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ނަމާދު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަންގަވައިފައިވަނީ މިއަދެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒުތައް ދެ ހަފުތާއަށް ބަންދުކޮށްފައި ވާއިރު ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ސިނާމާތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން މަނާކުރުމާއި، އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުންވެސް ވަނީ މަނާކޮށްފައެވެ.