ގައުމަށްޓަކައި ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ހައްގެވެ. މިދައްކަނީ ގައުމަށް ކުރިމަތިވެފައި މިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލުގައި އަމިއްލަ އާއިލާއާ ދުރުގައި ގިނަ ވަގުތު ހޭދަކުރަމުންދާ ފަރާތްތަކުގެ ވާހަކައެވެ. ހެނދުނު މަސައްކަތަށް ނިކުންނަ ގޮތަށް ރޭގަނޑު ދަން ވަންދެން އެކަމުގައި އުޅޭ ހީވާގި ފަރާތްތަކުގެ ވާހަކައެވެ.
މިދައްކަނީ ހަމައެކަނި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ވާހަކައެއް ނޫނެވެ. ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ އެންމެހާ މުވައްޒަފުންގެ ވާހަކައެވެ. ވަރުބަލިކަމެއް ނެތި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ގައުމުގެ ހިދުމަތުގައި ނިކުމެ އެ އުޅޭ ފުލުހުންނާއި ސިފައިންގެ ވާހަކައެވެ. ދަރުމަވެރިންގެ ވާހަކައެވެ. ގައުމުގެ އިސްފަރާތްތަކުގެ ވާހަކައެވެ. ދިމާވެފައިމިވާ ހާލަތުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުގެ ވާހަކައެވެ. އެއީ ޕިކަޕު ޑްރައިވަރު ކަމަށްވީ ނަމަވެސް އޭނާގެ ވެސް ވާހަކައެވެ. މި ދަނޑިވަޅުގައި ރައްޔިތުންނަށާއި، ގައުމަށް ހިދުމަތް ކުރުމަށް ނުކުންނަ ހުރިހާ ފަރާތްތަކުގެ ވާހަކައެވެ. ފަހަތަށް ނުޖެހި ތިޔަ ދައްކަވާ ހިތްވަރަށް ޝުކުރު ހައްގެވެ.
ޗައިނާގެ ވޫހާން ސިޓީން އުފަންވެ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ "ކޮވިޑް-19" މިކިޔާ ބަލިމަޑުކަން މިވަނީ ދިވެހިރާއްޖެއިން ވެސް ފެނިފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ބަޔަކު ދަނީ ރެއާ ދުވާލު ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. މިކަން ކޮވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި އެކުލަވާލާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރެޝަން ސެންޓަރު (އެންއީއޯސީ) ތެރޭގައި މަސައްކަތްތައް ހިނގަމުންދާ ގޮތަށް ބަލާލި ނަމަވެސް ވަރަށް ސާފުކޮށް ފެނިގެންދެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދާ ހަމައަށްވެސް ސަރުކާރުން ވަނީ އެތައް ގިނަގުނަ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން، ބައެއް ގައުމުތަކުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށް، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެއްވުންތައް މަނާ ކުރުމުގެ ގޮތުން، ސްކޫލްތަކާއި ކޮލެޖުތައް އަދި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، މިކަމުގައި އެންމެ ރިސްކް ބޮޑު ފަރާތްތައް އިސްތިސްނާވާގޮތަށެވެ. އެއީ ކޮވިޑް-19 ޓާސްކްފޯހެވެ.
ކޮވިޑް-19 ޓާސްކްފޯހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަރުބާރުގޭގައި އެކުލަވާލާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކީ ކޮވިޑް ރެސްޕޮންސަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތް ވިލަރެސް ކުރާ މައި އިދާރާއެވެ. މި އިދާރާގެ މަސައްކަތްތައް ކުރިއަށް ދަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދާއި ލަފާގެ މަތިން، އެންޑީއެމްއޭއާ ހަވާލުވެ ހުންނެވި، ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީީގެ ބެލުމުގެ ދަށުންނެވެ.
"މި މަސައްކަތް މި ކުރަނީ އާންމު ސިއްހަތުގެ މި ނުރައްކާތެރި ހާލަތުގައި ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދީ، މި ދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރުން. އަޅުގަނޑުމެންގެ މި ސެންޓަރަކީ 24 ގަޑިއިރު މަސައްކަތް ކުރަ ސެންޓަރެއް. އަދި މިތަނުގައި ކަމާގުޅުންހުރި ހުރިހާ އިދާރާއެއްގެ ތަމްސީލުވުން ހިމެނޭ. އަޅުގަނޑުމެންގެ އިލްތިމާސަކީ، މި ހުރިހާ އިދާރާތަކުންދޭ އިރުޝާދުތައް ރައްޔިތުން ކަނުލާ އަޑުއަހާ، އެއަށް އަހުލުވެރިވެ، އަޅުގަނޑުމެންނާއިއެކު ގުޅިގެން މަސައްކަތް ކޮށްގެން މިކަމުން އިރާދަކުރެއްވިޔާ ކާމިޔާބު ހޯދުން"
ދުނިޔޭގެ ގިނަ ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގެ އިގްތިސޯދަށް އައި ބޮޑު ހީނަރުކަމާއި، ދިމާވެފައިވާ ބިރުވެރިިކަމުގެ ވަގުތުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ހުއްޓުމެއް ނެތި، ކޮންމެ ދުވަހަކު ވަޒީފާއަށް ނިކުމެ ތިޔަ ދައްކާ ހިތްވަރަށް ޝުކުރު އަދާ ކުރަމެވެ. މި ދަނޑިވަޅުގައި ސިއްހީ ހިދުމަތްތެރިންނާއި، ކަމާ ބެހޭ އިދާރާތަކާއެކު މަސައްކަތް ކުރުމަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވާ ދަރުމަވެރިންނަށް ވެސް ލައްކަ ޝުކުރެވެ. ތިޔަ ދައްކަނީ ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއެކެވެ.
ހަމައެއާ އެކު މި މަސައްކަތުގައި އަވަދި ނެތި އުޅޭ ބުރަ ފަރާތްތަކަށް ސައި އަދި ކެއުން ތައްޔާރު ކޮށްދިނުމަށް ހަރަކާތްތެރިވާ މުވައްޒަފުން ފާހަގަކޮށްލަމެވެ. އަދި މަސައްކަތްކުރާ މާހައުލުގެ ސާފުތާހިރުކަން ބެލެއްޓުމުގައި ތަން ސާފުކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ޝުކުރު ހައްގުވާ ބައެކެވެ. އަންޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮވިޑް-19 ޓާސްކްފޯހުން ތިޔަ ކުރާ މަސައްކަތް ބަލައިގަންނަމެވެ.
އަމިއްލަ ދަރިން ގޭގައި ބައިތިއްބާފައި ގައުމުށް އިސްދީގެން އަންހެންއެތައް މުވައްޒަފުންނެއް މި ޓާސްކް ފޯހުގެ ތެރޭގައި ރެއާ ދުވާލު ވަރުބަލިކަމެއް ނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ހެލްޕް ޑެސްކްތަކުގައާއި ޓެކްނިކަލް މަސައްކަތްތަކުގައި ގިނަ ހީވާގި އަނހެންުންތަކެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. ގައުމީ ހިދުމަތުގައި އިސް ސަފުގައި މަސައްކަތް ކުރުމަށް ނިކުމެ އެތިބި ހީވާގި އަންހެނުން ފެނި މިއަދު ފަހުރުވެރިވެއެވެ. ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލަމުން، އަމިއްލަ އާއިލާއާ ދުރުގައި ތިބެގެން ތިޔަ ކުރާ މަސައްކަތަށް ޝުކުރު ހައްގެވެ.