2020 ވަނަ އަހަރާ ކުރިމަތިލިއިރު މުޅި ދުނިޔެ ސިއްސުވާލި ކުޑަކުޑަ މަހުލޫގަކީ ކޮރޯނާވައިރަހުގެ އާއިލާއިން އުފަންވެގެން އައި ވައިރަސް ސާސް-ކޮވް2 އެވެ. ނުވަތަ މިހާރު މުޅި ދުނިޔެ އެ ބަލިމަޑުކަމެއްގައި ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހެވެ. މި ވައިރަހާ ބެހޭ ކަށަވަރު މައުލޫމާތަކެއް އަދި މާ ތަފްސީލީ ގޮތެއްގައި ލިބިފައި ނެތް ނަމަވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ތަފާތު އެކި ހޯދުންތައް ހޯދަމުންނެވެ. ވައިރަސް ފެތުރެމުންދާ ހަލުވިމިނާ ގާތް ނުކުރި ނަމަވެސް، ސައިންސްވެރިންނާ ދިރާސާ ޓީމުތަކުން މި ވައިރަހާ ބެހޭ އެކި ހޯދުންތައް ހޯދާ އާންމު ކުރަމުންނެވެ.

އަދާ ޖެހެންދެން އެންމެ ފުޅާދާއިރާއެއްގައި ބަހުސް ކުރެވެމުން ދިޔަ އެއް މައުޟޫއަކީ މަހުލޫގެއްގެ ހަށިގަނޑުން ބޭރުގައި ކޮވިޑް-19 ޖައްސާ ވައިރަސް ދެމި ހުންނާނެ މުއްދަތުގެ ބަހުސްއެވެ. މާޒީ ދުށް ބައެއް ވައިރަސް ތަކަށް ބަލާއިރު 9 ވަރަކަށް ދުވަސް ވަންދެން ބައެއް ވައިރަސްތައް ދެމިހުރެއެވެ.

ކޮރޯނާ ވައިރަހަށް ޓެސްޓު ކުރާ ސާމްޕަލް އަޅާ ޓިއުބެއް

ކޮވިޑް-19ގެ އުމުރާ ގުޅޭ ގޮތުން މިފަދަ ދިރާސާއެއް މިހާރު ވަނީ ހަދާ، އާންމުކޮށްފައެވެ. އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް (ނީއެއިޑް)އިން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި، މަހުލޫގެއްގެ ހަށިގަނޑުން ވައިރަސް ބޭރުވުމަށް ފަހު ވައިގެ ތެރޭގައި އެތައް ގަޑިއިރެއް ވަންދެން ކޮވިޑް-19 ދިރިހުރެއެވެ. އަދި އެހެން ތަނެއްގައި ނުވަތަ އެއްޗެއްގައި ޖެހިއްޖެނަމަ ގިނަ ދުވަސްތަކެއް ވަންދެން ދިރިހުރެއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވެގެންދާ ވައިރަސްތައް ގޭތެރޭގެ ނުވަތަ ހޮސްޕިޓަލުގެ މާހައުލުގެ އެކި ހިސާބުތަކުގައި ހަރުލާ ހުންނާނެ މުއްދަތު ދެނެގަތުމަށެވެ. ވައިރަހަށް އިންފެކްޓްވެފައިވާ މީހެއްގެ ހަށިގަނޑުން ވައިރަސް ބޭރުވެގެން ދަނީ ކެއްސާ، ކިނބިހިއަޅާއިރު ކަމަށް ވާތީ، ދިރާސާ ކުރުމުގައި 'ވައިރަސް' ފެތުރީ ސްޕްރޭ ކޮށްގެންނެވެ.

ކޮވިޑް 19 އާ ގުޅިގެން އެން95 މާސްކް އަޅައިގެން / ފޮޓޯ: އޭބީސީ ނިއުސް

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި މިހާރު އާންމުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، ކޮވިޑް-19އަށް އިންފެކްޓްވެފައިވާ މީހެއްގެ ހަށިގަނޑު ތިކިތަކެއްގެ ގޮތުގައި ވައިގެ ތެރެއަށް ބުރައިގެންދާ ވައިރަހުގެ ސަބަބުން އިތުރު މީހަކު އިންފެކްޓް ވުމުގެ ފުރުސަތު 3 ގަޑިއިރެއްހާއިރަށް އޮވެއެވެ. ވައިގެ ތެރެއަށް ބުރައިގެންދާ ވައިރަހުގެ ތިކިތަކުގެ ތެރެއިން 66 މިނެޓް ތެރޭގައި މަރުވަނީ ދެބައިކުޅަ އެއްބައި ވައިރަހެވެ. 3 ގަޑިއިރުގެ ތެރޭގައި މިއަދަދު 12.5 ޕަސެންޓަށް ދައްވާ ކަމަށް ދިރާސާ ޓީމުން ބުނެއެވެ.

ކާޑްބޯޑުގައި ވައިރަހުގެ ދިރުހުން ހުރީ 24 ގަޑިއިރާ ހަމައަށް ކަމަށްވާއިރު، ލޮއިގެ އުފެއްދުންތަކުގައި 4 ގަޑިއިރު ވަންދެން ވައިރަސް ދިރިހުރެއެވެ. ޕްލާސްޓިކް އަދި ސްޓެއިންލަސް ސްޓީލްގައި 3 ދުވަހުގެ މުއްދަތަކަށް ވައިރަހުގެ ދިރުން ހުންނަ ކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ.

މި ދިރާސާގެ ހޯދުންތަކާ ގުޅޭ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ކޮވިޑް-19އިން ސަލާމަތްވުމަށްޓަކައި ސާފުތާހިރުކަން އިސްކޮށް، ވީހާވެސް ގިނައިން ރަނގަޅަށް އަތްދޮވެ، ސާފުކޮށް ހިއްކުމަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދުއެވެ. އަދި އާންމު އެއްވުންތަކަށް ނުދިއުމާ، ރޯގާގެ ކުޑަ ނަމަވެސް އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކޮށް، ކޮވިޑް-19އަށް ޝައްކުވާނަމަ ސިއްހީ އެހީތެރިންގެ އިރުޝާދު، އެންމެ ފުރަތަމަ ފޯނު މެދުވެރިކޮށް ހޯދުމަށް ސިއްހީ އޮފިޝަލުން ވަނީ ގޮވާލައްވާފައެވެ.