އިންތިހާބު ލަސްކުރަން ސުޕްރީމް ކޯޓަށްލީ މައްސަލަވެސް އަނބުރާ ނަގައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، އިންތިހާބު ބާއްވާ ތާރީހެއް ފަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯދައިދެވި ދާނެ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވިދާޅުވެފައިވާތީ ސުޕްރީމްކޯޓާސް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އީސީން ކޯޓަށް މައްސަލަ ހުށަހެޅީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކުރުމަށް އެދިއެވެ. އީސީން ވަނީ މި މައްސަލަ ހައި ކޯޓަށް ވެސް ހުށަަޅާފައެވެ. ނަމަވެސް، ހައިކޯޓަށް މައްސަލަ، އެ ކޮމިޝަނުން އަނބުރާ ގެންގޮސް، އިއްޔެ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މެންބަރުން ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްކުރުމާ މެދު ގާނޫނީ ހައްލު ހޯދައިދެވޭނީ ހަމައެކަނި މަޖިލީހަށް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ކަމަށް ނޫން ކަމަށެވެ. ކޮމިޓީގެ މެންބަރުންގެ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ތާއީދުކުރައްވައިފައެވެ.
އިންތިހާބު ލަސް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، މުޅި އިންތިހާބު އެއްކޮށް ލަސްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތައް ވެސް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ. އެއާ ހިލާފަށް މިހާރު ކުރިއަށް ގެންގޮސްފައިވާ ހިސާބުން މެދު ކަނޑާލައި އެހެން ތާރީހެއްގައި އިންތިހާބު ބޭއްވުމަށް އީސީގެ ހުރިހާ މެންބަރުން ވެސް އިއްތިފާގުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ކޮމެޓީން ވަނީ ހާއްސަ ހާލަތެއް މެދުވެރިވެގެން އިންތިހާބެއް ފަސްކުރަން ޖެހިއްޖެ ހާލަތެއްގައި ގާނޫނީގޮތުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ފަށާފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފެށުމާއިގުޅިގެން އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު މިހާރު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މި ތާރީހު ދެން އިތުރަށް ފަސްކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.