ގަޑިޖެހުމުން މުސާރައިން އުނިކުރާ ފައިސާ އުނި ނުކުރުމަށާއި އިތުރު ގަޑީގެ ފައިސާ މުސާރައިގެ ތެރޭގައި ނުހިމެނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން، މިމަހުގެ މުސާރަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ އިއްޔެ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމާފައިވާތީ މިއަދުގެ މެންދުރު 2:00ގެ ކުރިން ސަރުކާރުގެ ހުރިހާ އޮފީހަކުން ވެސް މުސާރަ ދިނުމަށް ބޭނުންވާނެ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ފިނޭންސަށް އީ-މެއިލް ކުރުމަށެވެ.
އެގޮތުން އެ ސާކިއުލާގައި އިދާރީ ގިނަ ކަންކަން ހިމަނާފައިވާ އިރު، އެ ސާކިއުލާގައި ބުނެފައި ވަނީ މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އޯޓީ ފައިސާ އާއި، މުސާރައާއި އިނާޔަތްތަކުން އުނިކުރާ ގަޑީލާރީގެ ފައިސާ މި މަހުގެ މުސާރައިގައި ނުހިމެނުމަށެވެ. އަދި އެ ފައިސާ އުނިއިތުރު ކުރާނެ ގޮތްތައް މިނިސްޓްރީއިން ފަހުން އަންގާނެ ކަމަށް ވެސް ސާކިއުލާގައިވެއެވެ.
މުސާރައާ ގުޅިގެން މިނިސްޓްރީން ސާކިއުލާއެއް ނެރެފައި ވާއިރު، އިއްޔެ ވަޒީރުންގެ މަޖިލީހުން ވަނީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން ނިންމާ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށްވެސް ނިންމައިފައެވެ.
ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ހުށަހަޅާފައިވާއިރު، ސާކްސް ސަރަހައްދުގެ ލީޑަރުންގެ ޓެލެ ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކޯވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިނދަޖެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް އަޔަ ނުދޭން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ މިހާރު އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި މަޝްރޫއުތައް މަޑު ޖައްސާލުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.