ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ، ގެ ތެރެއިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ލިބޭ ފައިސާ އެ ޕާޓީތަކަށް ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދާ ހަމައަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އީސީއަށް ހުށަހަޅާފައި ވަނީ އެމްޑީޕީ އާއި ޖޭޕީއިން އެކަނި ކަމަށެވެ.

އެހެންކަމުން އެ ދެ ޕާޓީއަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދޭން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އީސީއިން އާންމު ކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީ އެއްގަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖޭޕީއެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ 53،748 މީހުން ހިމެނޭ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793 ރުފިޔާ ލިބެއެވެ. ބާރަ ހާސް މީހުން ރަޖިސްޓްރީ ވެފައިވާ ޖޭޕީ އަށް ލިބެނީ 3،974،249 ރުފިޔާއެވެ. އިދިކޮޅު ޕީޕީއެމްގައި 36054 މެމްބަރުން ތިބޭއިރު އެ ޕާޓީއަށް 11،814،609 ރުފިޔާ ލިބެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެއެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލައެވެ.