ފަރުވާއެއް އަދި ވެކްސިންއެއްވެސް ފުރިހަމައަށް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލުން ނެއްޓި، އެ ބަލީގައި އެތައް ހާސް ބަޔަކު މަރުވާން ފެށުމާއެކު، ބަލީގެ ފުރަތަމަ ކޭސްތައް ރިޕޯޓްކުރި ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ކާރުހާނާތައް ބަންދުކުރިއެވެ. ސެލްފް ކަރަންޓީނާ ލޮކްޑައުންގެ ހާލަތު އިއުލާންކޮށް މަގުތައް ހުސްކޮށްލިއެވެ.
މި ހަރުކަށި ފިޔަވަޅު އެޅީ އިންސާނާގެ ފުރާނައަށް އިންތިހާ ނުރައްކާ ރޯގާއެއްގެ ސަބަބުން ކަމުގައި ވީ ނަމަވެސް، ލިއްބައިދިން ހެވެއް އެބައޮތެވެ. މީގެ ކުރިން އުޑުމަތިން ސާފު ނޫކުލަ ނުފެނި އޮތް ސަރަހައްދުތަކަށް، ނޫ އުޑުގެ ޗާލޫކަން ބަލާލުމަށް ފުރުސަތު ލިބުނެވެ.
ނިމިދިޔަ ފެބުރުވަރީ މަހަށް ބަލާއިރު، ވައިގެ ކޮލިޓީ ރަނގަޅު ދުވަސްތަކުގެ އަދަދު 21.5 ޕަސެންޓް، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު އިތުރުވި ކަމަށް ޗައިނާގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
މިއީ ހަމައެކަނި ހޫބޭ އަށް މެދުވެރި ގޮތެއް ނޫނެވެ. އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އާއި ވިލާތުގެ ޖައްވީ އިދާރާ (އީސާ)އިން އާންމުކޮށްފައިވާ މައުލޫމާތުންވެސް ދެނީ މިޒާތުގެ މެސެޖުތަކެކެވެ. ފެންނަނީ މިފަދަ މަންޒަރުތަކެކެވެ. އެއްގަމު އުޅަނދުތަކާ، ހަކަތަ އުފައްދާ ޕްލާންޓްތަކާ، ސިނާއީ ކާރުހާނާތަކުން ގިނަ އަދަދަކަށް ބޭރުކުރަމުންދިޔަ ނައިޓޮރޮޖަން ޑައިއޮކްސައިޑް ކުއްލި ގޮތަކަށް މަދުވިތަން ފެންނުނެވެ. ޗައިނާއީ ބޮޑެތި ސިނާއީ ސިޓީތަކުގެ މަތިން މީގެ ކުރިން ފެންނަމުންދިޔަ ވިހަ ދުމުގެ ވިލާގަނޑުތައް އޮބި، ސާފު ވެއްޓެއްގެ މަންޒަރު ފެންނިގެންދިޔައެވެ.
ނާސާގެ ސްޕޭސް ފްލައިޓް ސެންޓަރެއްގައި ވައިގެ ކޮލިޓީ ދިރާސާކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ފޭއި ލިއު ބުނި ގޮތުގައި، މިއީ އޭނާގެ ހަޔާތުގައިވެސް ކުއްލި ގޮތަކަށް، މިހާ ބޮޑު ސަރަހައްދަކުން ވިހަ ގޭހުގެ އަސަރު ދަށްވެގެންދިޔަތަން ފެނުނު ފުރަތަމަ ފަހަރެވެ. މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާކަން އެނގޭތީ އެކަމާ ހައިރާން ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ބޯޓުދެލި ބޭނުންކުރާވަރު މަދުވުން
ކޮވިޑް-19ގެ ބިރުވެރިކަން މުޅި ދުނިޔެ ވަށާލުމާއެކު ގަނެވިއްކުމުގެ ވިޔަފާރި ހީނަރުވެގެންދިޔައީ އިންތިހާއަށެވެ. މުދަލަށް އޮތް ޑިމާންޑް ކުޑަވެ، މުދާ އުފައްދަން ނުޖެހޭ ހާލަތަށް ދޮޔައެވެ. ނަތީޖާއަކަށްވީ ބޯޓުދެލީގެ ހަކަތައިން ހިންގަމުންދިޔަ ޕްލާންޓްތަކުގެ މަސައްކަތް ހުއްޓާލަންޖެހުމެވެ.
ބޯޓުދެލި އެންދުމަކީ ޖައްވުގެ ތެރެއަށް ކާބަން ޑައިއޮކްސައިޑް ބޭރުކުރާ ކަމެކެވެ. ކޮވިޑް-19އާ ގުޅިގެން ފެބުރުވަރީ 3 ވަނަ ދުވަހާ މާޗް 1 ވަނަ ދުވަހާ ދެމެދު، ދުނިޔޭގެ ވައިގެ ވަށަލައަށް ބޭރުވެގެން ދިޔަ މި ވިހަ ގޭހުގެ މިންވަރު ވަނީ 25 ޕަސެންޓް ދަށަށް ގޮސްފައި ކަމަށާ، ވައިގެ ތަޣައްޔަރުކަން ދިރާސާކުރަމުންދާ ގުރޫޕެއް ކަމަށްވާ ސެންޓާ ފޮ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ (ކްރިއާ)އިންވަނީ ފާހަގަކޮށްފައެވެ.
އިގުތިސޯދު ނެގެހެއްޓުމާ ވައި ތަޣައްޔަރުވުން
ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޗައިނާއިން މަރުވާ މީހުންނަށްވުރެ ދުނިޔޭގެ އެހެން ހިސާބުތަކުން މަރުވާ މީހުންގެ އަދަދު މިހާރު އިތުރުވަމުންދާއިރު، އިނދަޖެހުނު އިގުތިސޯދު ނެގެހެއްޓުމަށް ޗައިނާއިން އަންބާކިޔާ، މަސައްކަތް ފަށާފާނެ ކަމަށް ގިނަ ބަޔަކު މިހާރު ޖެހިލުންވެއެވެ. އިގުތިސޯދު ނެގެހެއްޓުމަކީ ޗައިނާއަށް އޮތް ހައްގެކެވެ. ނަމަވެސް އެކަމުގެ އަގަކަށް ވެގެންދަނީ ދުނިޔޭގެ ތިމާވެށި ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ދުނިޔޭގެ ވައިގެ ފަށަލައަށް ބޭރުވެގެންދާ ކާބަން ޑައިއޮކްސައިޑްގެ 30 ޕަސެންޓް ހިއްސާކުރަނީ ޗައިނާއިންނެވެ.
ކަންމިހެން އޮތްއިރު ތަޣައްޔަރުކަމާ ދެކޮޅަށް ޗައިނާއިން މަސައްކަތްތަކެއް ކުރާނެ ކަމަށް އެގައުމުގެ ރައީސް ޝީ ޖީންޕިންގް ވަނީ 2017 ވަނަ އަހަރު ވައުދުވެވަޑައިގެންފައެވެ. ޝީ ގެންދަވަނީ އެ ނަތީޖާވެސް ނެރެދެއްވަމުންނެވެ. އެގޮތުން 2017 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު، ޗައިނާގެ ސިޓީތަކުގެ ވައިގެ ތަޣައްޔަރުކަން 10 ޕަސެންޓް ދަށްވިކަމަށް ގްރީންޕީސްއާއި އެއާވިޝުއަލްގެ ރެކޯޑްތަކުން ދައްކައެވެ.
މާޒީއަށް ބަލާއިރު ޗައިނާގެ ވާހަކަ ތަފާތެވެ. 2008 ވަނަ އަހަރު ދުނިޔެ ދުށް މާލީ ކާރިސާއާއި ގުޅިގެން ޗައިނާއިން އުމްރާނީ ސިނާއަތް ކުރިއަށް ނެރުމަށް ފެށި މަސައްކަތުގެ ނަތީޖާއަކަށްވީ ވިދިގެން އައި އަހަރުތަކުގައި ތިމާވެއްޓާ ވައިގެ ތަޣައްޔަރުކަން އިތުރުވެގެން ދިއުމެވެ.
ކަންމިހެން އޮތްއިރު، ކޮވިޑް-19އިން ލިއްބައިދިން މި ފުރުސަތަކީ ޝީގެ ވައުދުފުޅު އިތުރަށް ފުރިހަމަކުރުމަށް އޮތް މަގެއް ކަމުގައި ދުށުމީ ބުއްދިވެރިކަމެއް ކަމަށް ކްލައިމެޓް އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.