މި މަހުގެ 14 ވަނަ ދުވަހު ފުވައްމުލަކު ސިޓީގެ ދޫޑިގަމު އަވަށުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިން، އެރަށު ކޮތަންގެ، 44 އަހަރުގެ ހަސަން އަހްމަދު ދީދީ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ފުވައްމުލަކު ހުކުރު މިސްކިތުގައެވެ.

އޭނާ މަރުވެފައި ވަނީ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަސަން އަހްމަދު ދީދީ އަކީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފުވައްމުލަކު މަގު ހަދާ ޔުނިޓުގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމަށެވެ. އޭނާ އަކީ ފުވައްމުލަކު ފެނަކަ ބްރާނުޗައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭނާ އެކްސިޑެންޓުވެފައި ވަނީ ވަޒީފާ ނިންމުމަށްފަހު ގެއަށް ދިޔަ މަގުމަތީގައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ މިމަހު 14 ވަނަ ދުވަހުގެ އިރުއޮއްސި 18:18 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުވި އަނެއް ސައިކަލު ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށާއި، އެ ކުއްޖާ ޖޫރިމަނާކޮށް އެކުއްޖާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.