ޗައިނާގެ މަހުޖަނު އަދި މަޝްހޫރު އީ-ކޮމާސް ވެބްސައިޓް 'އަލީބާބާ'ގެ ބާނީ، ޖެކް މާގެ ފުރަތަމަ ޓްވީޓް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާ އެމެރިކާއަށް ފޯރުކޮށްދިން އެހީއަށް ހާއްސަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް ނެޓްވާކް ކަމަށްވާ ޓްވިޓާގެ މެމްބަރަކަށްވެ، ސޯޝަލް މީޑިއާއަށް ދޫކޮށްލި ފުރަތަމަ ޕޯސްޓްގައި ޖެކް މާ ހިމަނާފައިވަނީ ކޮވިޑް-19 ޓެސްޓް ކިޓްތަކާ މާސްކު ޑޮނޭޝަންތަކެއްގެ ފޮޓޯތަކެކެވެ.

މި ތަކެއްޗަކީ ޖެކް މާ ފައުންޑޭޝަންގެ ފަރާތުން އެމެރިކާއަށް ހަދިޔާކުރާ ތަކެތި ކަމަށާ، އެކެތި މިހާރު ވަނީ އެމެރިކާއަށް ދިއުމުގެ މަގުމަތީގައި ކަމަށް މި ޕޯސްޓްގައި ޖެކް މާ ވަނި ހާމަކޮށްފައެވެ.

ޖެކް މާ ފައުންޑޭޝަނުން މީގެ ކުރިން އާންމުކޮށްފައިވާ ޕޯސްޓެއް ބުނާ ގޮތުގައި، މި ޝިޕްމަންޓްގައި ހިމެނެނީ 500000 ޓެސްޓް ކިޓާ، 1 މިލިއަން ފޭސް މާސްކްއެވެ.