2020 ވަނަ އަހަރަށް ފެށިގެން އައިއިރު ދުނިޔޭގައި 2 ވަނައަށް އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާގެ ޗިނާއީ އުފެއްދުންތެރިކަން، މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު އިންތިހާއަށް ދަށަށް ގޮސްފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާގެ ސިނާއީ އުފެއްދުންތެރިކަމުގެ ނިސްބަތް، މިއަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި 13.5 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ފިކްސްޑް އެސެޓް އިންވެސްޓްމަންޓްވެސް ވަނީ މި މުއްދަތަގެ ތެރޭގައި 24.5 ޕަސެންޓް ދަށަށް ގޮސްފައެވެ.

މިއީ ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ޗައިނާއިން ލިބުނު އެންމެ ހީނަރު ތަފާސް ހިސާބުތައް ކަމަށް މުރާސިލުން ސިފަކުރެއެވެ.

ޗައިނާގެ ރީޓެއިލް ވިޔަފާރީގެ ސިނާއަތުންވެސް ދެނީ މިފަދަ މެސެޖުތަކެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާ އަޅާ ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހާ ފެބުރުވަރީ މަހު ޗައިނާއިން ކުރި ރީޓެއިލް ވިޔަފާރީގެ ނިސްބަތް ވަނީ 20.5 ޕަސެންޓް ދަށަށް ގޮސްފައެވެ. މި އަދަދު އުޅޭނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ 0.8 ޕަސެންޓްގައެވެ. ޗައިނާގެ ރީޓެއިލް ވިޔަފާރީގެ ސިނާއަތަށް ހީނަރުކަން އައިސްފައިވަނީ ކޮވިޑް-19ގެ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވިޔަފާރީ މޯލްތަކާ، ސިނަމާތަކުގެ އިތުރުން ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުގެ ހިދުމަތްތައް މުޅިން ހުއްޓާލުމުންނެވެ.

ސިއްހީ ނަޒަރަކުން ބަލާއިރު ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް، އިގުތިސޯދު ހަމައަކަށް އެޅުމަށް އަދި އެތައް މަހެއް ނަގާނެ ކަމަށް އިގުތިސޯދީ މުރާސިލުން ދަނީ ބުނަމުންނެވެ. އެހެނީ މި ދަނޑިވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މި ރޯގާ ފެތުރި، އެގައުމުތަކުގެ އިގުތިސޯދީ އަދި މާލީ ސިނާއަތަށް ބޮޑު ހީނަރުކަމެއް ކުރިމަތިކުރުވާފައިވާ ދަނޑިވަޅަކަށް ވާ ކަމެވެ.